ދުނިޔެ

ވެކްސިނާއި އެކު ސްޕެއިންގެ އަދަދުތައް ދަށަށް


ކޯވިޑް-19 ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލުމް އެކި ސަބަބުތަކާއި ހެދި ވެކްސިން ނުޖަހާވަނީ 2 އިންސައްތަ މީހުންކަމަށް ސްޕެއިން ސަރުކާރުން ބުނެފިއެވެ.

ސްޕެއިނުގައި މިހާތަނަށް 3.18 މިލިއަން މީހުންނަށް ކޯވިޑް ޖެހި 68،813 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. އެ ޤައުމުގައި ބައްޔާއި ދެކޮޅަށް ވެކްސިން ދޭން ފެށި ފަހުން ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދުދަނީ އެއް ދުވަހަށްވުރެ އަނެއް ދުވަހު ދަށަށް ދަމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ބަލިޖެހިފައިވަނީ 9،212 މީހުންނަށެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހާއި ހަމައަށް ސްޕެއިނުގައި 2.1 މިލިއަން މީހުންވަނީ ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އޭގެ ތެރޭގައި މުސްކުޅިން ބަލަހައްޓާ މަރުކަޒުތަކުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އުމުރުން 80 އަހަރުން މަތީގެ މީހުންނާއި ކުރީ ސަފުގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރިން ހިމެނެއެވެ. އެދުވަހާއި ހަމައަށް 1.2 މިލިއަން މީހުންނަށްވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.

ސްޕެއިންގެ ޞިއްޙަތާއިބެހޭ ވުޒާރާގެ އިސްވެރިއެއްކަމަށްވާ ސިލްވިއާ ކަލްޒޮން ވިދާޅުވީ އެ ޤައުމުގެ މިހާރުގެ ނަންބަރުތަކުން އުއްމީދު އައުވެފައިވާކަމަށާއި، އެ ޤައުމުގެ ރައްޔިތުން ވެކްސިން ބަލައިގަނެ ވެކްސިނަށް އިތުބާރުކުރާކަން ހާމަވެގެން ގޮސްފައިވާކަމަށެވެ.

މިދިޔަ ޖަނަވަރީ މަހުގެ ފަހު ދެ ހަފުތާގެ ތެރޭގައި ސްޕެއިނުގައި ބަލިޖެހެމުން ދިޔައީ ކޮންމެ 100،000 މީހުންގެ ތެރެއިން 900 މީހުންނަށެވެ. ނަމަވެސް ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެ ޢަދަދުވަނީ ކޮންމެ 100،000 މީހުންގެ ތެރެއިން 206 މީހުންނަށް ވެއްޓިފައެވެ.

ބަލިޖެހޭ މީހުންގެ ޢަދަދު ބޮޑުތަނުން ދަށަށް ގޮސްފައިވާތީ ސްޕެއިންގެ ހެލްތު އެމަޖެންސީގެ އިސްވެރިޔާ، ފާނަންޑޯ ސައިމަންވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތަކަށް ލުއި ދޭނެކަމުގެ އިޝާރާތެއް ކުރައްވާފައެވެ. ނަމަވެސް ހަސްފަތާލުތަކަށް އަދިވެސް ބާރުބޮޑުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.