ދުނިޔެ

އިންޑިޔާއިން ލަންކާއަށް 500،000 ޑޯޒް


އިންޑިޔާއިން އޯޑަރުކޮށްފައިވާ ކޯވިޑް-19 ވެކްސިންގެ 500،000 ޑޯޒް ސްރީލަންކާއަށް ފޮނުވައިފިއެވެ.

ސްރީލަންކާގެ ޞިއްޙަތާއިބެހޭ ވަގުތީ ވަޒީރު ޗަންނަ ޖަޔަސުމަނާ ވިދާޅުވީ އިންޑިޔާއިން ފޮނުވާފައިވާ ކޯވިޝީލްޑް ވެކްސިންގެ 500،000 ޑޯޒް ފެބްރުއަރީ މަހުގެ 25ވަނަ ދުވަހުގައި ސްރީލަންކާއަށް ލިބިފައިވާކަމަށެވެ. އެ ވެކްސިންތައް އޯޑަރުކޮށްފައިވަނީ ސްރީލަންކާގެ ސްޓޭޓް ފާމަސޫޓިކަލްސް ކޯޕޮރޭޝަނާއި އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންކަމަށް އޭނާ ވިދާޅުވިއެވެ. ސްރީލަންކާގެ އެކި ސަރަޙައްދުތަކަށް އެ ވެކްސިންތައް ގެންދިޔުމުގެ މަސައްކަތް ފެށޭނީ ފެބްރުއަރީ މަހުގެ 26ވަނަ ދުވަހުގައެވެ.

މީގެ ކުރިން އިންޑިޔާއިންވަނީ ކޯވިޑް ވެކްސިންގެ 500،000 ޑޯޒް ލަންކާއަށް ހަދިޔާކޮށްފައެވެ. އެއާއިއެކު ސްރީލަންކާގެ ކޯވިޑް ވެކްސިން މަޝްރޫޢުވަނީ ފަށާފައެވެ. އެންމެ ފުރަތަމަ ވެކްސިން ދީފައިވަނީ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކަށެވެ.

އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓުން އެސްޓްރަޒެނެކާގެ ފޯމިއުލާއަށް ޚާއްޞަ ޙުއްދައެއްގެ ދަށުން ތައްޔާރުކޮށްފައިވާ ކޯވިޝީލްޑް ވެކްސިންގެ 10 މިލިއަން ޑޯޒް ގަތުމަށް ސްރީލަންކާގެ ސަރުކާރުންވަނީ އޯޑަރު ދީފައެވެ. އެކަމަށް 52.5 މިލިއަން އެމެރިކާ ޑޮލަރު އެ ޤައުމުންވަނީ ޚަރަދުކޮށްފައެވެ. އޭގެ އިތުރުން ކޯވެކްސް މަޝްރޫޢުގެ ދަށުން އެސްޓްރަޒެނެކާ ކުންފުނީގެ ވެކްސިންގެ 3.5 މިލިއަން ޑޯޒް ގަތުމަށްވެސް އެޤައުމުންވަނީ އޯޑަރު ދީފައެވެ.

ސްރީލަންކާގެ ޞިއްޙީ އޮފިޝަލުން ބުނީ އިންޑިޔާއިން ވެކްސިންގެ އިތުރު ޝިޕްމަންޓެއް ދެން އެ ޤައުމަށް ފޮނުވާނީ މާރިޗު މަހުގެ ތެރޭގައިކަމަށެވެ.