ދުނިޔެ

ބައިޑަންއާއި ރަސްގެފާނު ފުރަތަމަ ކޯލް - ޔަމަން ހަނގުރާމަ ނިމުމަކަށް ގެނަންޖެހޭ


އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު، ސަލްމާން އަބްދުލް ޢަޒީޒު ފުރަތަމަ ފަހަރަށް ވާހަކަދައްކަވައިފިއެވެ. މިއީ މިދިޔަ ޖަނަވަރީ މަހުގެ 20ވަނަ ދުވަހުގައި އެމެރިކާގެ ރައީސްކަމާއި ބައިޑަން ޙަވާލުވެވަޑައިގެންނެވި ފަހުން ސަލްމާން ރަސްގެފާނާއި ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.

ބައިޑަން އާއި ސަލްމާން ރަސްގެފާނު ފޯނު މެދުވެރިކޮށް ކުރެއްވި މަޝްވަރާތަކުގައި އެމެރިކާއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުމާއި ގުޅޭގޮތުންވަނީ ވާހަކަދައްކަވާފައެވެ. ދެ ބޭފުޅުންގެ ވާހަކަފުޅުގައި ރައީސް ބައިޑަންވަނީ އީރާނުގެ ސަބަބުން ސަޢުދީ ޢަރަބިއްޔާއަށް އޮތް އެންމެހާ ނުރައްކާތަކުން އެ ޤައުމު ރައްކާތެރިކޮށްދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އެމެރިކާއިން ކުރާނެކަމުގެ ޔަޤީންކަން ސަލްމާން ރަސްގެފާނަށް އަރުއްވާފައެވެ. އޭގެ އިތުރުން ޔަމަނުގައި ކުރިއަށްދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވިދާނެ ޚާރިޖީ މަސައްކަތްތަކުގެ މައްޗަށް ބައިޑަންވަނީ އަލިއަޅުވާލައްވައިފައެވެ.

އެމެރިކާގެ ރިޔާސީ އިދާރާ ވައިޓު ހައުސުން ބުނީ ސަޢުދީ ޢަރަބިއްޔާއާއި އެމެރިކާއާއި ދެ ޤައުމަށް ނިސްބަތްވާ ގިނަ އެކްޓިވިސްޓުންތަކެއް ސަޢުދީން މިފަހުން މިނިވަންކުރުމާއި ގުޅޭގޮތުންވެސް ބައިޑަން ވާހަކަދައްކަވާފައިވާކަމަށެވެ. އިންސާނީ ހައްޤުތަކަށާއި ޤާނޫނުތަކާއި ޤަވާއިދުތަކަށް އަމަލުކުރުމަށް އެމެރިކާއިންދޭ އަހައްމިއްޔަތުކަން ބައިޑަން ފާހަގަކުރެއްވިކަމަށް ވައިޓު ހައުސުން ބުނެއެވެ.

ސަޢުދީ ޢަރަބިއްޔާގެ ދަޢުލަތުގެ ނޫސް އިދާރާއިން ބުނީ ރައީސް ބައިޑަންއާއި ސަލްމާން ރަސްގެފާނާއި ދެމެދު ދެކެވުނު ވާހަކަފުޅުގައި އެމެރިކާއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަމާއި މެދު ސަލްމާން ރަސްގެފާނު ވާހަކަދައްކަވާފައިވާކަމަށެވެ. ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމުން ސަރަޙައްދީ ހަމަޖެހުމާއި ދުނިޔޭގެ ހަމަޖެހުމަށް ދެ ޤައުމު ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވޭނަކަން ސަލްމާން ރަސްގެފާނުވަނީ ފާހަގަކުރެއްވިކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ސަރުކާރަށްވުރެ ބައިޑަންގެ ސަރުކާރުން ސަޢުދީ ޢަރަބިއްޔާއާއި މެދު ޢަމަލުކުރަމުންދަނީ ހަރުކަށިކޮށެވެ. ޔަމަނުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި ސަޢުދީ ޢަރަބިއްޔާގައި އިންސާނީ ހައްޤުތައް ބަލައިގަންނަ މިންވަރު އިތުރުކުރުމަށް އެމެރިކާއިންދަނީ އެ ޤައުމަށް ގޮވައިލަމުންނެވެ.

ވައިޓު ހައުސްގެ ޕްރެސް ސެކެޓްރީ ޖެން ސާކީ ވިދާޅުވީ ބައިޑަންގެ ސަރުކާރުން ބޭނުންވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އަލުން ބައްޓަންކުރުމަށްކަމަށެވެ. އައި އެމެރިކާއިން ކަންބޮޑުވާ ބައެއް ދާއިރާތައް ހުންނާނެކަމަށާއި އެކަންކަމާއިމެދު އެމެރިކާއިން ކަންބޮޑުވުން ފައުޅުކުރާނެކަމަށްވެސް ސާކީ ވިދާޅުވިއެވެ. ނަމަވެސް ސަޢުދީ ޢަރަބިއްޔާއާއި ގުޅިގެން މަސައްކަތްކުރަން ބޭނުންވާ ދާއިރާތައްވެސް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ބައިޑަންއާއި ސަލްމާން ރަސްގެފާނު ވާހަކަދައްކަވާފައި މިވަނީ 2018ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތުރުކީވިލާތުގެ އިސްތަންބުލްގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ ކޮންސިއުލޭޓުގައި އަނިޔާވެރިކޮށް މަރާލި ސަޢުދީ ޢަރަބިއްޔާގެ ނޫސްވެރިއެއްކަމަށްވާ ޖަމާލް ޚާޝޫޤްޖީގެ މަރާއިގުޅޭ ރިޕޯޓެއް އެމެރިކާއިން އާންމުކުރުމަށް ތައްޔާރުވަމުންދަނިކޮށެވެ. ޚާޝޫޤްޖީ މަރާލާފައިވަނީ ސަޢުދީ ޢަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ އަމުރަށްކަމަށް ރިޕޯޓުގައި ރަސްމީކޮށް ބަޔާންކޮށްފައި އޮންނާނެކަމަށް ޤަބޫލުކުރެވެއެވެ.