ސިޔާސީ

އެފްބީއައި ގެ ރިޕޯޓުގައި ބޮމެއް ނޫންކަމަކަށް ނުބުނޭ - އުމަރު


ރިޔާސީ ލޯންޗްގައި ގޮއްވާލާފައިވަނީ ބޮމެއް ކަމަށް ބެލެވޭނެ ސާބިތު ހެއްކެތް
ލިބިފައި ނެތް ކަމަށް އެފް.ބީ.އައިގެ ތަހުގީގު ރިޕޯޓްގައި ބުނެފައިވީ ނަމަވެސް،
ގޮއްވާލައިފައިވަނީ ބޮމެއް ނޫން ކަމަށް އެ ރިޕޯޓްގައި ބަޔާންކޮށްފައި ނެތް ކަމަށް
އިންކުއަރީ ކޮމިޝަންގެ ކޯޗެއަރ އަދި ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވަނީ އެފް.ބީ.އައިގެ ރިޕޯޓާއި ގުޅިގެން ފެތުރެމުންދާ ޚަބަރުތައް
ދޮގުކުރައްވާފައެވެ.ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ރިޔާސީ ލޯންޗްގައި ގޮއްވާލި ބޮމުގެ
މައްސަލަ ތަހުގީގުކުރި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން، އެފް.ބީ.އައިގެ
ތަހުގީގު ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމާއި ގުޅޭގޮތުން ޕީ.އެސް.އެމް އަށް މަޢުލޫމާތު
ދެއްވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، އެފް.ބީ.އައިގެ ރިޕޯޓްގައި
ގޮއްވާލާފައިވަނީ ބޮމެއް ނޫންކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިނުވާކަމަށެވެ.
އުމަރު ވިދާޅުވީ އެފް.ބީ.އައި.އިންވެސް ތަޚްލީލް ކުރުމަށް ސާމްޕަލްތަކެއް ގެންދިޔަ
ކަމަށާއި، އެ ސާމްޕަލްތަކުގައި އާރު.ޑީ.އެކްސް ނެތުމަކީ އެކަށީގެންވާ
ކަމެއްކަމަށެވެ.ސައުދީ އަރައްބިއްޔާގެ ތަޚްލީލް ޓީމުން ގެންދިޔަ ހަ ސާމްޕަލްގެ ތެރެއިން ބޮން
ހަދަން ބޭނުންކުރާ އާރު.ޑީ.އެކްސް ފެނިފައިވަނީ އެންމެ ސާމްޕަލަކުން ކަމަށް
މިނިސްޓަރ ވިދާޅުވިއެވެ. އުމަރު ވިދާޅުވީ، އެމެރިކާގެ ތަހުގީގު ޓީމަށް އެފަދަ
ކަމެއް ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، 
ސަބަބަކީ ހަމަލާތައް ދިނުމުގައި ބޭނުންކުރާ ބައެއް އާލާތްތަކަކީ ހެކި
ނައްތާލާގޮތަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކަށް ވަތީކަމަށެވެ.އެމެރިކާގެ އެފް.ބީ.އައިގެ އިތުރުން ރިޔާސީ ލޯންޗްގައި ގޮއްވާލި ބޮމުގެ
މައްސަލަ ތަހުގީގުކޮށްފައިވަނީ ސައުދީ އަރަބިއްޔާއާއި، ލަންކާ އަދި އިންޑިޔާގެ
ތަހުގީގު ޓީމުތަކުންނެވެ. މީގެ ތެރެއިން މިހާތަނަށް ނުލިބިވަނީ އިންޑިޔާގެ
ތަހުގީގު ރިޕޯޓެވެ. ސައުދީ އަރަބިއްޔާއާއި، ލަންކާގެ ތަހުގީގު ރިޕޯޓަށް
ބެލުމަށްފަހު ސަރުކާރުން ވަނީ މިއީ ގަސްތުގައި ބަޔަކު ރާވައިގެން ރައީސުލް
ޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ދީފައިވާ ބޮމުގެ ހަމަލާއެއްކަމަށް ހާމަކޮށްފައެވެ.