ދުނިޔެ

ކޯވެކްސް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓު ގާނާއަށް


ދުނިޔޭގެ ހުރިހާ ޤައުމަކަށް ހަމަހަމަކަމާއިއެކު ކޯވިޑް-19 ވެކްސިން ފޯރުކޮށްދިނުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން އިސްވެ އުފައްދާފައިވާ ކޯވެކްސް ފެސިލިޓީން ފުރަތަމަ ފަހަރަށް ޤައުމަކަށް ވެކްސިން ފޮނުވައިފިއެވެ. ކޯވެކްސް މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ވެކްސިން ލިބިފައިވާ ޤައުމަކީ އެފުރިކާގެ ޤައުމެއްކަމަށްވާ ގާނާއެވެ.

ގާނާގައި މިހާތަނަށް 81،245 މީހުންނަށް ކޯވިޑް ޖެހި 584 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ބައްޔަށް ތަހުލީލުކުރާ މިންވަރު ދަށްވުމުން ބަލިޖެހިފައިވާ މީހުންނާއި މަރުވެފައިވާ މީހުންގެ ރަސްމީ ޢަދަދުތަކަކީ ހަޤީޤީ ޢަދަދުތަކަށްވުރެ ދަށް ޢަދަދުތަކެއްކަމަށް މާހިރުން ބުނެއެވެ.

ކޯވެކްސުންވަނީ އިންޑިޔާގެ ސީރަމް އިސްޓިޓިޓުއުޓުން ތައްޔާރުކޮށްފައިވާ އެސްޓްރަޒެނެކާއާއި އޮކްސްފޯޑު ޔުނިވަސިޓީގެ ވެކްސިންގެ 600،000 ޑޯޒް ގާނާއަށް ފޮނުވާފައެވެ. އެ ވެކްސިނަކީ ޑަބްލިއުއެޗުއޯއިން ޙުއްދަދީފައިވާ ވެކްސިނެކެވެ. ކޯވެކްސުން ހަދިޔާކޮށްފައިވާ ވެކްސިންތައް އެ ޤައުމާއި ހަމައަށް ފޯރީ ފެބްރުއަރީ މަހުގެ 24ވަނަ ދުވަހުގައެވެ.

ކޯވެކްސްގެ ދަށުން ފުރަތަމަ ވެކްސިން ފޮނުވާ ޤައުމަކަށް 30 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގާނާ ހޮވުނީ އެ ޤައުމުންގެ ރައްޔިތުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ވަރަށް ހަލުވިކޮށް ކުރިޔަށް ގެންދިޔުމަށް އެއްބަސްވުމުންނެވެ. މީގެއިތުރުންވެސް އެ ޤައުމުންވަނީ ކޯވެކްސުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކޮށްފައެވެ.

އަންނަ ހަފުތާގެ ތެރޭގައި ގާނާގައި ވެކްސިން ދިނުމުގެ މަޝްރޫޢު ފެށުމަށްވަނީ ހަމަޖެހިފައެވެ. އެ ޤައުމުގައި އެންމެ ފުރަތަމަ ވެކްސިން ދޭނީ ޞިއްޙީ ޚިދުމަތްތެރިންނަށެވެ. އެއަށްފަހު ދެން އެންމެ އިސްކަމެއް ދޭނީ އުމުރުން 60 އަހަރުން މަތީގެ މީހުންނަށާއި ޞިއްޙީ އެކިއެކި މައްސަލަތައް ހުންނަ މީހުންނަށް ވެކްސިން ދިނުމަށެވެ.

ކޯވެކްސް މަޝްރޫޢުގެ ދަށުން މި އަހަރު ނިމުމުގެ ކުރިން 190 ޤައުމަކަށް ކޯވިޑް ވެކްސިންގެ 2 ބިލިއަން ޑޯޒް ފޮނުވުމަށް ކޯވެކްސުންވަނީ އަމާޒު ހިފާފައެވެ. ފަޤީރު ޤައުމުތަކުގެ އާބާދީގެ 20 އިންސައްތައަށް ފުދޭ މިންވަރަށް ހިލޭ ވެކްސިން ފޯރުކޮށްފިނުމަށް ކޯވެކްސުންދަނީ މަސައްކަތްކުރަމުންނެވެ. ކޯވެކްސް މަޝްރޫޢުގެ ދަށުން އަންނަ ހަފުތާގެ ތެރޭގައި އެފުރިކާގެ އެހެން ޤައުމެއްކަމަށްވާ އައިވަރީ ކޯސްޓަށް ވެކްސިން ލިބޭނެކަމަށްވަނީ ބެލެވިފައެވެ.