ސިޔާސީ

ރާއްޖެއިން މިހާތަނަށް ފެނުނު އެންމެ ގިނަ ހަތިޔާރު!


ބ. ހިބަޅިދޫން ފުލުހުން ހޯދާފައިވާ ހަތިޔާރުތަކަކީ މިހާތަނަށް މައްސަލައެއްގައި ރާއްޖެއިން މިހާގިނަ އަދަދެއްގެ ނުރައްކާތެރި ހަތިޔާރު ފެނުނު ފުރަތަމަ ފަހަރެވެ.މިމަހުގެ 28 ވަނަ ދުވަހު ފުލުހުން ބ. އަތޮޅު ހިބަޅިދޫއަށް އަރައި ރަށުތެރެ ބެލުމަށް ފަހު ލިބުނު މަޢުލޫމާތާއި ގުޅިގެން އެރަށުގެ ނެރާއި ދިމާއިން ކަނޑުއަޑި ފީނާ ބަލާފައިވެއެވެ. މިސަރަޙައްދު ކަނޑުގެ 42 މީޓަރު އަޑިން 2 ދަބަހެއްގައި ބަންދުކޮށްފައި ހުއްޓައި ފެނިފައިވެއެވެ.  ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ފެނުނު ހަތިޔާރުގެ ތެރޭގައި އޭކޭ 56 ގެ ފުލް ސިސްޓަމަކާއި އޭގެ 7.2 މިލިމީޓަރުގެ 121 ވަޒަން ހިމެނެއެވެ.މި ހަތިޔާރަކީ 300 އާއި 400 މީޓަރާއި ދެމެދުގެ ދުރުމިނަކަށް ވަޒަން ފޮނުވާލެވޭ ވަރުގެ ހަތިޔާރެކެވެ. މީގެ އިތުރުން ދެން ފުލުހުންނާއި ސިފައިން ދައްކާލީ މެޝިން ޕިސްޓޯލް ނުވަތަ އެމް.ޕީ 5 ޕިސްޓޯލާއި އެކު އޭގައި ބޭނުން ކުރާ 9 އެމްއެމް ގެ 43 ވަޒަނެވެ. ސަބް މެޝިން ގަން ކެޓަގަރީގެ މިބަޑިއަކީ 100 މީޓަރާއި 200 މީޓަރާއި ދެމެދުގެ ދުރުމިނަކަށް ވަޒަން ފޮނުވާލުމުގެ ޤާބިލުކަން ހުންނަ ހަތިޔާރެކެވެ. މީގެ އިތުރުން ދެން ފެނިފައި ވަނީ 9 އެމްއެމްގެ ވަޒަން ބޭނުންކުރާ ބްރައުނިން ޕިސްޓޯލެކެވެ. މިއީ 50 މީޓަރު ދުރުމިނަށް ވަޒަން ފޮނުވާލެވޭ ހަތިޔާރެކެވެ. ފުލުހުންނާއި ސިފައިން އިތުރަށް ދެން ދައްކާލާފައި ވަނީ ދުރުން ހަމަލާދިނުމަށް ބޭނުންކުރާ ސްނައިޕަރ ރައިފަލުގައި އަޅުވައިގެން ބޭނުންކުރާ ސްކޯޕަކާއި އެފަދަ ރައިފަލުގައި ބޭނުންކުރާ ޒާތުގެ ވަޒަނެވެ.މީގެ އިތުރުން ހިބަޅިދޫގައި ހިންގި އޮޕަރޭޝަން ފުލުހުން ދެން ހޯދާފައި ވަނީ ބައެއް ގޮވާތަކެއްޗެވެ. އޭގެތެރޭގައި އެމް 75 ގެ 2 ހޭންޑް ގްރެނައިޑް ހިމެނެއެވެ. މިބާވަތުގެ އަތު ބޮމަކީ، އެ ގޮއްވާލުމުން އެއާއި 15 މީޓަރު ދުރުމިނުގައި ތިބޭ މީހުން މަރުވާފަދަ ބާރުގަދަ ބާވަތެއްގެ ބޮމެކެވެ. މީގެ އިތުރުން ގޮއްވުމެއް އިތުރަށް ވަރުގަދަކޮށްލަން ބޭނުންވާނެ، ހައި އެކްސްޕްލޯސިވްސް ކެޓަގަރީގައި ހިމެނޭ ތަކެތި ދައްކާލާފައިވެއެވެ. އަދި ގޮއްވާލުމަށްޓަކައި ތައްޔާރުކޮށްފައިވާ އިމްޕްރޮވައިސް އެކްސްޕްލޯސިވް ޑިވައިސެއްވެސް ފުލުހުންނާއި ސިފައިން ހޯދާފައިވެއެވެ. އަދި އެފަދަ ޑިވައިސް އެއް ތައްޔާރު ކުރުމަށް ބޭނުކުރެވޭ ސާމާނުވެސް ހިބަޅިދޫއިގައި ހިންގުނު އޮޕަރޭޝަންގައި ފެނިފައިވެއެވެ.