ވިޔަފާރި

ކޯވިޑުގެ ސަބަބުން ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ހުއްޓުމަކަށް!


މާލެ ސަރަޙައްދުގެ ކޯވިޑް ހާލަތު ގޯސްވެފައިވުމުން ޤަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވުމުގެ މަސައްކަތް މިވަގުތު އޮތީ ހުއްޓިފައިކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން ކައުންސިލް އިންތިހާބުގައި ވާދާކުރާ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ ޤަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދިޔައީ ހަފްތާއަކު 200 އެއްހާ މީހުންގެ މަގުން ކަމަށެވެ. އެހެންނަމަވެސް ބިދޭސީން އަނބުރާ ޤައުމަށް ފޮނުވެންއޮތީ ކޯވިޑް ޓެސްޓު ހެދުމަށްފަހުގައިކަމަށްވުމުން މިދުވަސްކޮޅު އެކަން ކުރުމަށް ދަތިވެފައިވާތީ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވުމުގެ މަސައްކަތް އެއްކޮށް ހުއްޓިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޕީސީއާރު ޓެސްޓު ހަދައިގެން ފޮނުވަން ޖެހޭއިރު، މާލޭގެ ކޯވިޑް ހާލަތުގެ ކަންތައްތައް ހުރިގޮތުން މިވަތުގު އަޅުގަނޑުމެންނަށް ހުޅުމާލެ ހޮސްޕިޓަލުން ޓެސްޓުތައް ހެދޭނެގޮތެއް ނޫން، އެހެން ކަންތަކަށް އަހައްމިއްޔަތުދޭނެ ޖެހޭތީ، މާލޭގެ ހާލަތު ރަނގަޅުވާއިރަށް އަނެއްކާވެސް ބިދޭސީން އަނބުރާ ޤައުމަށް ފޮނުވަން ފަށާނަން،" މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަތޮޅުތެރޭގައި ޤަވާއިދާ ހިލާފަށް އުޅޭ ފަރާތްތައް އަނބުރާ ޤައުމަށް ފޮނުވުމުގައިވެސް ދަތިތަކެއް އެބަހުރި ކަމަށެވެ. ސަބަބަކީ ކޯވިޑާއި ގުޅިގެން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ހުރަސްތަކެއް ހުރުމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިދިޔަ އަހަރުތެރޭ ސަރުކާރުންވަނީ ރާއްޖޭގައި ޤަވާއިދާއި ހިލާފަށް އުޅޭ 8000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ޢަދަދު ފަސްދޮޅަސް ހާހަށް ވުރެ ގިނަ ކަމަށް ސަރުކާރުން ހާމަކުރައްވައެވެ. ގަވާއިދާ ޚިލާފަށް ލިޔެކިޔުން ނެތި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ބޮޑުވެ އިޖުތިމާޢީ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ.

ބިދޭސީންގެ މައްސަލަ ބޮޑުވެ މިމައްސަލަ ޙައްލުކުރުމަށް ސަރުކާރުން އަންނަނީ އެމީހުން ނިސްބަތްވާ ޤައުމުތަކާ ގުޅިގެން އެމީހުން ޤައުމަށް ފޮނުވާލުމުގެ މަސައްކަތްކުރަމުންނެވެ. އަދި ރާއްޖެއަށް އެތެރެވުމުގައި ހަރުދަނާ ނިޒާމެއްގެ ތެރެއިން ބިދޭސީންގެ ކަންކަން ބެލޭނެ އިންތިޒާމުތަކެއް ހަމަޖައްސާ އެކަމަށް ޚާއްސަ އުސޫލުތައް އަންނަނީ އެކުލަވާލަމުންނެވެ.