ދުނިޔެ

އަފްޣާނިސްތާނުގައި ކޯވިޑް ވެކްސިން ދޭން ފަށައިފި


އަފްޣާނިސްތާނުގައި ކޯވިޑް-19 ވެކްސިން ދޭން ފަށައިފިއެވެ. ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ އަފްޣާނިސްތާނުގައި މިހާތަނަށް 55،664 މީހުންނަށް ކޯވިޑް ޖެހި 2436 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ.

މި މަހުގެ ތެރޭގައި އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓުންވަނީ އަފްޣާނިސްތާނަށް އެސްޓްރަޒެނެކާގެ ކޯވިޑް ވެކްސިންގެ 500،000 ޑޯޒް ފޮނުވާފައެވެ. އެއާއިއެކު ފެބްރުއަރީ މަހުގެ 23ވަނަ ދުވަހުގައި އެ ޤައުމުގައި ކޯވިޑް ވެކްސިން ދިނުމުގެ މަޝްރޫޢުވަނީ ފަށައިފައެވެ. އެގޮތުން އަފްޣާނިސްތާނުގައި އެންމެ ފުރަތަމަ ވެކްސިން ދީފައިވަނީ ސަލާމަތީ ބާރުތަކުގެ ތެރޭގައި ހިމެނޭ މީހުންނަށާއި ޞިއްޙީ ޚިދުމަތްތެރިންނަށާއި ނޫސްވެރިންނަށެވެ.

ވެކްސިން ޙަރަކާތް ފެއްޓުމަށް އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އެ ޤައުމުގެ ޞިއްޙަތާއިބެހޭ ވަގުތީ ވަޒީރު، ވަހީދު މަޖުރޯހު ވިދާޅުވީ މިހާރު ލިބިފައިވާ ވެކްސިނުން 250،000 މީހުންނަށް ވެކްސިން ދެވޭނެކަމަށެވެ. ނަމަވެސް މުޅި ޤައުމުގެ އެންމެން ހިމެނޭގޮތަށް ވެކްސިން މަޝްރޫޢު ފުޅާކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ ރައީސް، އަޝްރަފް ޣަނީ ވިދާޅުވީ ކޯވިޑް ބަލިމަޑުކަމަކީ އަފްޣާނިސްތާނުން ކުރިމަތިލަމުންދާ ބޮޑު މައްސަލައެއްކަމަށެވެ. އާންމުންނަށް ވެކްސިން ދިނުމުގައި ހަމަހަމަކަމާއިއެކު ދެފުށް ފެންނަ އުސޫލެއް ގެންގުޅުމަށް އެމަނިކުފާނުވަނީ އެ ޤައުމުގެ ޞިއްޙީ ޚިދުމަތްތެރިންނަށް ގޮވައިލައްވާފައެވެ. ވެކްސިން ދިނުމުގެ ދެވަނަ ބުރުގައި ޤައުމުގެ އާބާދީގެ 40 އިންސައްތައަށް ވެކްސިން ދެވޭނެކަމަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ ސަރުކާރާއި ދެކޮޅަށް އެ ޤައުމުގައި ހަނގުރާމަކުރަމުންދާ ޠާލިބާނު ޖަމާޢަތުންވަނީ އެ ޤައުމުގެ ވެކްސިން މަޝްރޫޢުއަށް އެ ޖަމާޢަތުން އެއްބާރުލުން ދޭނެކަމަށް އިޢުލާނުކޮށްފައެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އަފްޣާނިސްތާނުގެ ސަރުކާރާއި ޠާލިބާނުންނާއިމެދު ޞުލްޙައާއިގުޅޭ މަޝްވަރާތައް ކުރަމުންދިޔަ ނަމަވެސް އެ ޤައުމުގައި އަދިވެސްދަނީ ގިނަ ހަމަލާތަކެއް ބަދަލުކުރަމުންނެވެ. އެހެންކަމުން ވެކްސިން މަޝްރޫޢު ކުރިއަށްދާނީ ހަމަނުޖެހުންތަކުގެ ތެރޭގައެވެ.

ދުނިޔޭގެ ޤައުމުތަކަށް ހަމަހަމަކަމާއިއެކު ކޯވިޑް ވެކްސިން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކޯވެކްސް މަޝްރޫޢުގެ ދަށުން އަފްޣާނިސްތާނުގެ 38 މިލިއަން މީހުންގެ އާބާދީގެ 20 އިންސައްތައަށް ވާވަރަށް ވެކްސިން ލިބޭނެކަމަށް އަފްޣާނިސްތާނުންވަނީ ބުނެފައެވެ.