ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގްގެ ފުރަތަމަ މެޗު ޗެލްސީން ކާމިޔާބުކޮށްފި


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފަހު 16 ގައި ސްޕެނިޝް ލަލީގާގެ އެޓްލެޓިކޯ މެޑްރިޑާއި އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެލްސީ ބައްދަލުކުރި ފުރަތަމަ ލެގްގެ މެޗް ޗެލްސީ ކާމިޔާބުކޮށްފިއެވެ. ކޯވިޑް 19ގެ ސަބަބުން ސްޕެއިނުން އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން ރުމޭނިއާގެ ބުކަރެސްޓްގައި ކުޅުނު މިމެޗް ޗެލްސީ ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށް ލިބުނު ކަމުގައިވީނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުމެއް ހިފޭގޮތެއް ނުވިއެވެ. މިމެޗްގައި ޗެލްސީއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި ޖަހައިދިނީ އޮލިވަރ ޖިރޫއެވެ. އޮވަރހެޑަކުން ވަރަށް ރީއްޗަށް ޖެހި މިގޯލް އެންމެ ފުރަތަމަ ރެފްރީ ނިންމި އޮފްސައިޑް ލަނޑަކަށެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެލަނޑު އޮފްސައިޑް ނޫންކަމަށް ނިންމިއެވެ. މިމެޗްގައި ލަލީގާގައި މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންދާ އެޓްލެޓިކޯއަށް މާ ރަނގަޅަށް ކުޅެވޭގޮތެއް ނުވިއެވެ. މިގޮތުން އެޓީމުގެ ނުރައްކާތެރި ފޯވަޑް ލުއިސް ސުވަރޭޒަށް މާ ރަނގަޅު ފުރުސަތުތަކެއް މިމެޗްގައި ނުލިބެއެވެ.

މިކާމިޔާބީއާއެކު މި މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގައެއް ހޯދުމުގެ ފުރުސަތު ޗެލްސީއަށް މިވަނީ ބޮޑުވެފައެވެ. އެއީ މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގުގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޗެލްސީގެ ދަނޑުގައި ކަމަށް ވެފައި އަވޭ ގޯލެއް އޮތުމުން ނެވެ. ނަމަވެސް އެޓްލެޓިކޯގެ ފަރާތުން ދެވަނަ ލެގުގައި ޗެލްސީއަށް ނުރައްކާ ކުރިމަތިވުމުގެ ފުރުސަތުވެސް އެބައޮތެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗް ތޯމަސް ޓުޗެލް ވަނީ މެޗުގެ ނަތީޖާއާމެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އަދި ޖެހި ލަނޑުގެ ފުރިހަމަ ކަމަށާއި ލަނޑުޖެހި ކުޅުންތެރިޔާ ޖިރޫއަށް ތައުރީފްކޮށް ޓުޗެލް ވާހަކަ ދެއްކިއެވެ. އަދި މިއީ އޭނާގެ ކުޅުންތެރިން ދަނޑުމަތީ ދެއްކި މޮޅު ކުޅުމާއި ގަދަ ހިތްވަރުގެ ނަތީޖާ ކަމަށާއި މިއީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އެޓްލެޓިކޯ ކަހަލަ ޓީމެއްގެ ޑިފެންސް ފޫއަޅުވާލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ނަމަވެސް އެޓީމްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ގިނަ ކުޅުންތެރިން ވަނުމުން އެފުރުސަތު ތަނަވަސް ވާނެކަން އިނގޭކަމަށް ޓުޗެލް ހާމަކުރިއެވެ. މި ކާމިޔާބީއާއެކު ޗެލްސީގެ ކޯޗްކަމާއި ޓުޗެލް ހަވާލުވިފަހުން އަދި އެޓީމް މެޗަކުން ބަލިވެފައެއް ނުވެއެވެ.