ދުނިޔެ

ފިލިޕީންސްގެ އާދޭސް، ވެކްސިން ދީ ބަދަލުގައި ނަރުހުންނާއި ޑޮކްޓަރުން ދޭނަން


ޖަރުމަނުވިލާތާއި އިނގިރޭސިވިލާތުން ފިލިޕީންސަށް ކޯވިޑަށް ވެކްސިން ހަދިޔާކޮށްފިނަމަ އޭގެ ބަދަލުގައި އެ ޤައުމުގެ އެތައް ހާސް ޞިއްޙީ ޚިދުމަތްތެރިން ވަޒީފާ ޢަދާކުރުމަށް އެ ދެ ޤައުމަށް ފޮނުވާނެކަމަށް ފިލިޕީންސުން ބުނެފިއެވެ. ފިލިޕީންސްގައި މިހާތަނަށް 564،865 މީހުންނަށް ކޯވިޑް ޖެހި 12،107 މީހުންވަނީ އެބަލީގައި މަރުވެފައެވެ. އެޤައުމަކީ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ އެއް ޤައުމެވެ.

ޤައުމުން ބޭރުގައި މަސައްކަތްކުރާ ފިލިޕީންސްގެ އެތައް މިލިއަން މަސައްކަތްތެރިންގެ ތެރޭގައި ގިނަ ޢަދަދެއްގެ ނަރުހުން ހިމެނެއެވެ. 2019ވަނަ އަހަރުގެ ތެރޭގައިވެސް އެ ޤައުމުގެ ގާތްގަނޑަކަށް 17،000 ނަރުހުންވަނީ ބޭރު ޤައުމުކުގައި ވަޒީފާ ޢަދާކުރުމަށް ޤައުމު ދޫކޮށް ގޮސްފައެވެ. އެ ޤައުމުގެ ޞިއްޙީ ޚިދުމަތްތެރިން ބޭރު ޤައުމުތަކަށް މަސައްކަތްކުރަން ދިޔުން މަނާކޮށްފައި އޮތުމަށްފަހު ފަހުންވަނީ އަހަރަކު 5،000 ޞިއްޙީ ޚިދުމަތްތެރިންނަށް ޤައުމުން ބޭރަށް މަސައްކަތްކުރަން ދިޔުމުގެ ފުރުޞަތު ދީފައެވެ.

ފިލިޕީންސްގެ ލޭބާ މިނިސްޓްރީގެ އިންޓަނޭޝަނަލް އެފެއާޒް ބިއުރޯގެ ޑިރެކްޓަރު އެލިސް ވިސްޕެރަސް ވިދާޅުވީ ޖަރުމަނުވިލާތާއި އިނގިރޭސިވިލާތުން އެ ޤައުމަށް ވެކްސިން ފޯރުކޮށްދީފިނަމަ ޤައުމުން ބޭރުގައި މަސައްކަތްކުރުމަށް ޙުއްދަދޭ ޞިއްޙީ ޚިދުމަތްތެރިންގެ ޢަދަދު އިތުރުކުރުމަށް އެއްބަސްވެވިދާނެކަމަށެވެ.

ކޯވިޑްގެ ސަބަބުން ދުނިޔޭގައި ހަވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައި އޮތީ އިނގިރޭސިވިލާތެވެ. ބަލިމަޑުކަމުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށްވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ. ޖަރުމަނުވިލާތަށް ބަލާއިރު އެ ޤައުމުވެސް އޮތީ 10ވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް ޖެހިފައިވާ ޤައުމުގެ ގޮތުގައެވެ.

އެ ދެ ޤައުމުގައި މުޅިއަކު 23 މިލިއަނަށްވުރެ ގިނަ މީހުންނަށް މިހާރު ވެކްސިން ދީފައިވާއިރު، 108 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ފިލިޕީންސްގައި ކޯވިޑާއި ދެކޮޅަށް ވެކްސިން ދޭން އަދި ފަށާފައެއް ނުވެއެވެ. އެ ޤައުމަށް ލިބޭ ވެކްސިންގެ ފުރަތަމަ ބެޗު މި ހަފުތާގެ ތެރޭގައި ލިބޭނެކަމަށް ބެލެވެއެވެ. އެއީ އެ ޤައުމަށް ޗައިނާއިން ހަދިޔާކުރާ ވެކްސިނެވެ. ވެކްސިންގެ 148 މިލިއަން ޑޯޒް ހޯދުމަށް ޕިލިޕީންސުން ދަނީ މަސައްކަތްކުރަމުންނެވެ.