ކުޅިވަރު

ސެކްރެމެންޓޯ ކިންގްސްގެ މައްޗަށް ބްރޫކްލިން ނެޓްސް ކާމިޔާބު ހޯދައިފި


އެން.ބީ.އޭ ބާސްކެޓްބޯޅަ މުބާރާތުގައި ސެކްރެމެންޓޯ ކިންގްސްގެ މައްޗަށް ބްރޫކްލިން ނެޓްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ނެޓްސް ކާމިޔާބުކުރީ 127 ޕޮއިންޓް 118 ޕޮއިންޓުންނެވެ.

މިމެޗްގައި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގާ 14 އެސިސްޓް ދިން ޖޭމްސް ހާޑެންއެވެ. އަދި ބްރޫސް ބްރައުންވެސްވަނީ އެޓީމަށް 29 ޕޮއިންޓް ހޯދައިދީފައެވެ. މިމެޗްގައި ކިންގްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދައިދީ 8 އެސިސްޓް ކުރި ޑި އާރޮން ފޮކްސްއެވެ. އަދި ޓައިރީސް ހެލިބަރޓަންވަނީ އެޓީމަށް 23 ޕޮއިންޓް ހޯދައިދީފައެވެ.

މިމުބާރާތުގައި ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި ނިއުޔޯކް ނިކްސް ބައްދަލުކުރިމެޗް 114 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔާބުކުރީ ވޮރިއަރސްއެވެ. މިމެޗްގައި ވޮރިއަރސްގެ ސްޓެފަން ކަރީވަނީ އެޓީމަށް 37 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގާ 6 އެސިސްޓް ކޮށްފައެވެ. އަދި ނިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާދިން ޖޫލިއަސް ރެންޑްލްއެވެ. މީގެއިތުރުން ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 109 ޕޮއިންޓް 102 ޕޮއިންޓުން ކާމިޔާބުކުރީ ސިކްސަރސްއެވެ. މިމެޗްގައި ސިކްސަރސްގެ ޓޯބިއަސް ހެރިސް ވަނީ 23 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ. އަދި ރެޕްޓަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް ހޯދައިދިން ޕަސްކަލް ސިއަކަމްއެވެ.

އެހެން ނަތިޖާތަކަށް ބަލާލާއިރު މިލްވައުކީ ބަކްސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް 139 ޕޮއިންޓް 112 ޕޮއިންޓުން ބަކްސް ކާމިޔާބުކުރިއިރު ޑެލަސް މެވްރިކްސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރިމެޗް 110 ޕޮއިންޓް 107 ޕޮއިންޓުން ކާމިޔާބުކުރީ މެވްރިކްސްއެވެ. އަދި ޑެޓްރޮއިޓް ޕިސްޓަންސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރިމެޗް 105 ޕޮއިންޓް 93 ޕޮއިންޓުން ޕިސްޓަންސް ކާމިޔާބުކުރިއިރު ކްލީވްލަންޑް ކެވެލިއަރސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރިމެޗް އެންމެ ޕޮއިންޓެއްގެ ތަފާތުން 112 ޕޮއިންޓް 111 ޕޮއިންޓުން ކާމިޔާބުކުރީ ކެވެލިއަރސްއެވެ.