ކޯވިޑް-19އިގެ ސަބަބުން ޢާއްމު ޚިދުމަތްދޭ ތަންތަން އެޗްޕީއޭގެ މިންގަނޑަށް ފެތޭތޯ ބެލުމަށްޓަކާ ކުރިއަށް ގެންދާ މާސް އިންސްޕެކްޝަންގެ ފަސްވަނަ ބުރުގައި 500 އަށްވުރެ ގިނަ ތަން ބަލައިފިއެވެ. އެޗްޕީޢޭގެ ގައިޑްލައިންނާ އެއްގޮތަށް ޚިދުމަތް ދޭތޯ ބެލުމަށްޓަކައި މިމަހުގެ 3 ވަނަ ދުވަހު ފެށި މި އިންސްޕެކްޝަންގައި މާލެއިން 568 ތަނެއް މިހާތަނަށް ވަނީ ބަލާފައެވެ.
ކޯވިޑްގެ ކޭސްތައް އިތުރުވަމުން ދިޔުމާ ގުޅިގެން ޢާއްމު ޚިދުމަތްދެމުންދާ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ މިންގަނޑު ބެލުމަށް ކުރިއަށް ގެންދާ މާސް އިންސްޕެކްޝަންގައި މިހާތަނަށް ގިނަ ތަންތަން ބަލާފައިވާއިރު މީގެ ތެރޭގައި 344 ފިހާރައެއް ވަނީ ބަލާފައެވެ. އަދި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުގެ ތެރެއިން 198 ތަނެއް މިހާތަނަށް ބަލާފައިވާއިރު ޖިމް ފަދަ ތަންތަނުގެ ތެރެއިން 12 ތަނަކާއި ސެލޫން ނުވަތަ ބޯކަށާ ތަންތަނުގެ ތެރެއިން 10 ތަނެއް ވަނީ ބަލާފައެވެ. މީގެ އިތުރުުން މި އިންސްޕެކްޝަންގައި މިހާތަނަށް ވަނީ 4 މާކެޓެއްވެސް ބަލާފައެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޒާމިރު ވިދާޅުވީ އެޗްޕީޢޭގެ ގައިޑް ލައިންނާ އެއްގޮތަށް ޚިދުމަތް ދޭތޯ ބެލުމަށް ކުރިއަށްގެންދާ އިންސްޕެކްޝަންގައި ވިޔަފާރިތަކުން ފަރުވާ ކުޑަކުރާކަމަށް ފާހަގަވާނަމަ ނޯޓިސް ދޭނެކަމަށެވެ. އަދި ގައިޑްލައިނާއި އެއްގޮތަށް ޚިދުމަތް ދޭނަމަ އެތަނަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ކަނޑައަޅާކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް ބެލި ތަންތަނުގެ ތެރެއިން 243 ތަނެއް އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ޚިދުމަތް ދެމުން ގެންދާކަން ފާހަގަވެފައިވާކަމަށެވެ. އަދި ފުރަތަމަ މަރުހަލާގައި 288 ތަނަކަށް ކަންކަން ރަނަގޅު ކުރުމަށް އެދި ވައިޓް ނޯޓިސް ފޮނުވާފައިވާކަމަށާއި ނޯޓިސްއަށްފަހު ދެވަނަ ފަހަރަށް ބެލިބެލުމުން 37 ތަނަކަށް ނޯޓިސް ދީފައިވާ ކަމަށް ހުސައިން ޒާމިރު ވިދާޅުވިއެވެ.
"ނޯޓިސް ދިނުމުގައި ފުރަތަމަ ކޮންމެ ތަނަކަށް ވެސް މި ދެނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތް ދޭ ތަނެއް ނަމަ، އެއީ ރައްކާތެރި ތަނެއްގެ ގޮތުގައި ބަލާ ތަނެއް ކަމުގެ ސްޓިކާއެއް އެބަދެން. އަދި އެތަނުގައި ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަވާނަމަ މި ދެނީ ވައިޓް ނޯޓިސް." އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޒާމިރު ވިދާޅުވެއެވެ.
އެޗްޕީއޭއިން އެކުލަވާލާފައިވާ އުޞޫލާ ޚިލާފަށް ޚިދުމަތް ދޭނަމަ ފުރަތަމަ ފަހަރަށް 5000 ރުފިޔާ ދެވަނަ ފަހަރު 25000 ރުފިޔާގެ ޖޫރިމަނާއެއް ކުރާއިރު އެންގުމާ ޚިލާފުވެ ކަންކަން ރަނގަޅު ނުކުރާނަމަ، ތިންވަނަ ފަހަރަށް 50000 ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށްވަނީ ހަމަޖައްސާފައެވެ. އަދި ހަތަރުވަނަ ފަހަރު ޖޫރިމަނާގެ ގޮތުގައި 75000 ރުފިޔާ ދައްކަންޖެހޭއިރު ފަސްވަނަ ފަހަރުގެ ޖޫރިމަނާއަކީ އެއްލައްކަ ރުފިޔާއެވެ.
މިފަހަރުގެ އިންސްޕެކްޝަންގައި ބަލަމުންގެންދާނީ ކެފޭ ރެސްޓޯރެންޓުތަކާއި ކެންޓީން ފަދަ ތަންތަން ހިންގުމުގައި ރައްކާތެރިކަމަށްޓަކާ ހިފަހައްޓަން އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް އަމަލުކުރާ މިންވަރެވެ. ޚިދުމަތްދޭ ތަންތަނުގައި ގައިދުރުކަން ކަށަވަރުކުރެވޭނެ ގޮތަށް އިންތިޒާމުކޮށްފައި ހުރިތޯއާއި މާސްކު ބޭނުންކުރުމަށް ބާރު އަޅާމިންވަރާއި އަތްދޮވުމާއި ހޭންޑް ސެނިޓައިޒާ ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތްވެސް މިއިންސްޕެކްޝަންގައި ބަލާނެއެވެ. މީގެ އިތުރުން އެއްފަހަރާ ޚިދުމަތްދިނުމަށް ކަނޑައަޅާ މިންވަރާއި އެއަށް ޢަމަލުކުރާ މިންވަރުވެސް އަންނަނީ ބަލަމުންނެވެ.
މި އިންސްޕެކްޝަންއަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މާލެ ސިޓީ ކައުންސިލާއި އެޗްޑީސީ ގުޅިގެން ކުރިއަށްގެންދާ އިންސްޕެކްޝަނެކެވެ.