މިސަރުކާރުން ބޮޑުތިލަދުންމައްޗަށް އިޤްތިސާދީ ބޮޑު ތަސައްވުރެއް ގެންގުޅުއްވާ ކަމަށާ ހަނިމާދޫ އެއަރޕޯޓު ހަޤީޤީ ބައިނަލްއަޤްވަމީ އެއަރޕޯޓެއްގެގޮތުގައި ތަރައްޤީކޮށް ކައިރި ރަށްރަށުގެ ގެސްޓްހައުސް ވިޔަފާރި ފުޅާ ކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކުރިއަށްގެންދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން "ރަށްވެހި ފަތިސް"ގެ ކެނޑިޑޭޓުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ހދ.އަތޮޅަށް އަމާޒުކުރައްވާފައިވާ ތަރައްޤީގެ މަޝްރުޢުތަކާއި މަސައްކަތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.
އެގޮތުން މުޅި ބޮޑުތިލަދުންމައްޗަށް އިޤްތިސާދީ ބޮޑު ތަސައްވުރެއް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެންމެ މުހިންމު މަޝްރުޢުތަކުގެ ތެރެއިން ހަނިމާދޫ ބައިނަލްއަޤްވަމީ އެއަރޕޯޓުގެ ތަރައްޤީއާއި އެއާ ގުޅިގެން އެސަރަޙައްދުގެ އެހެން ރަށްރަށަށް އަންނާނެ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ހަނިމާދޫ އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތް އަންނަ ޖުލައި މަހުގެތެރޭގައި ފެށޭނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ހދ.އަތޮޅުގެ ވަކިވަކި ބައެއް ރަށްރަށުގައި ކުރިއަށްދާ ބައެއް ކަންކަމުގެ މައްޗަށްވެސް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. އެގޮތުން ހަނިމާދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރައްވާނެ ކަމަށާ، ނާވައިދޫގެ ނަރުދަމާގެ މަސައްކަތް ވަަރަށް އަވަހަށް ފެށިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
ހދ.މަކުނުދޫ އެއަރޕޯޓާއި ސްޕީޑް ފެރީގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށާއި، ސްޕީޑް ފެރީތުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ފަހު ކުއާޓަރގައި ފެށޭނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި ކުޅުދުއްފުށި ސިޓީގައި ސިންތެޓިކް ޓްރެކެއް އެޅުމަށް ހަަމަޖެހިފައިވާކަމަށާ، ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށްވެސް މަސައްކަތް ކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމްޑީޕީން މިހާރު ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިންގެ ބައެއް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރާއްޖޭގެ ތަރައްޤީއަށް މިސަރުކާރުން ކުރިއަށް ގެންދަވާ މުހިންމު މަޝްރޫޢުތަކާއި މަސައްކަތްތަކުގެ މަޢުލޫމާތު ދެއްވަމުންނެވެ.