ރާއްޖޭގައި ޢުމުރުން 25 އަހަރުން މަތީގެ މީހުން ވެކްސިން ޖެހުމަށް ހުޅުވާލައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ މާދަމާއިން ފެށިގެން ކޯވިޑް-19ގެ ވެކްސިން އުމުރުން 25އަހަރުން މަތީގެ އެންމެނަށް ޖަހަން ފަށާނެކަމަށެވެ.
ކޮވިޝީލްޑް ވެކްސިން ދިނުމުގެ ހުއްދަ ދީފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ. ނަމަވެސް ވެކްސިން ލިބެމުންދާ މިންވަރުން އެކި ޢުމުރުފުރާތަކަށް ވެކްސިން ޖެހުމުގެ މަސައްކަތްތައް މަރުޙަލާތަކަށް ބަހާލައިގެން ރާއްޖޭގައިދަނީ ފަށަމުންނެވެ. ޢުމުރުން 30 އަހަރުން މަތީގެ މީހުންނަށް ވެކްސިންދޭން ފަށީ މިހަފްތާގެ އާދިއްތަ ދުވަހުއެވެ.
ޢުމުރުން 25 އަހަރުން މަތީގެ އުމުރުފުރާއަށް ވެކްސިން ޖެހުމަށް ހުޅުވާލިނަމަވެސް، ބޮޑެތި ބަލިތަކަށް ބޭސްފަރުވާކުރާ އުމުރުން 18އަހަރުން މަތީގެ އެންމެނަށްވެސް މިހާރުވެސް ވެކްސިން ޖެހޭނެއެވެ.
ރާއްޖޭގެ ކޯވިޑް19ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޒުވާނުންގެ މެދުގައި ބަލި ފެތުރޭ މިންވަރު ގިނައެވެ. މިކަން ސިއްޙީ މާހިރުންވެސް ފާހަގަކުރެއެވެ. ގިނަ ބަޔަކު މި އުމުރުފުރާއިން ޕޮޒިޓިވްވަނީ ބޭރަށް ނިކުމެ އުޅޭ މިންވަރު އިތުރުވުމާ، އަދި މަސައްކަތްކުރާ ގިނަ ބަޔަކުވެސް މި އުމުރުފުރާގައި ހިމެނެނޭތީއެވެ.
ރާއްޖޭގައި ފުރަތަމަ ވެކްސިން ދޭންފެށީ ކޯވިޑް19އާ ގުޅިގެން ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށެވެ. ނަމަވެސް ފަހުންވަނީ އުމުރުން ދުވަސްވީ މީހުންނާ، އަދި އަތޮޅުތަކުގައިވެސް ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައެވެ. ބަލިން ތައްކާތެރިވުމަށް މިހާރު ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ ވެކްސިން ޖެހުމުގެ މަސައްކަތެވެ. މިހާތަނަށް ރާއްޖޭގައި 85000އަށްވުރެ ގިނަ މީހުންވަނީ ވެކްސިން ޖަހާފައެވެ.