ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވްވި މީހުންގެ ޢަދަދު 19000އިން މައްޗަށް


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 19،000އިން މައްޗަށް އަރައިފިއެވެ. ވޭތުވެދިޔަ 24ގަޑިއިރު ރާއްޖެއިން އިތުރު 108މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހުގެ އިރުއޮއްސި 6:00އިން ފެށިގެން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވީ 108 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 76 މީހަކާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 12 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 20 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 19،038އަށް އަރާފައެވެ.

ވޭތުވެދިޔަ 24ގަޑިއިރު 191 މީހުންވަނީ ބަލިން މުޅިން ފަސޭހަވެފައެވެ. މިހާތަނަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވިމީހުންގެ ޖުމްލަ ޢަދަދުވަނީ 16،542އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،429 މީހުންނެވެ. ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 167 މީހުންނަށްދަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،388 ސާމްޕަލް ވަނީ ނަގާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްގެ އަދަދުވެސް މިވަނީ 500،000އިން މައްޗަށް އަރާފައެވެ. އެގޮތުން މިހާތަނަށް 502،156 ސާމްޕަލް، ކޯވިޑް-19އަށް ޓެސްޓުކޮށްފައިވެއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 60 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 52 ދިވެހިންނާއި 8 ބިދޭސީންނެވެ.