ޚަބަރު

ފައިރޫޝް ރިޓަޔަރ ކުރެއްވިއިރު އޭނާގެ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނެތް - ހޯމް މިނިސްޓަރ


އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ.ޢަބްދުﷲ ފައިރޫޝް ރިޓަޔަރ ކުރެއްވިއިރު އޭނާއާގުޅޭ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ފައިރޫޝް ރިޓަޔަރކުރެއްވި މައްސަލާގައި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓިގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، ފައިރޫޝް ރިޓަޔަރކުރެއްވީ 7 މަސްދުވަހު އެކަމަށް ތައްޔާރުވެގެން ކަމަށާ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑާއި، ހޯމް މިނިސްޓްރީއަށްވެސް ފައިރޫޝްއާ ގުޅޭ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާކަމަށެވެ.

ފައިރޫޝް ރިޓަޔަރކުރި މައްސަލަ މަޖިލީހުގެ ސަލާމަތީ ޚިދުމަތުގެ ކޮމިޓީ ނުވަތަ 241 ކޮމެޓީއަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނު މި މައްސަލަ އެ ކޮމިޓީއަށް ހުށަހަޅުއްވާފައިވަނީ ދާދިފަހުން އެކުލަވާލި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު ފާސްކޮށް، ތަސްދީގު ކުރައްވާފައި ވަނިކޮށް، އެ ޤާނޫނުގައިވާގޮތުގެ މަތިން ނޫނީ ފުލުހުންގެ އޮފިސަރަކަށް ރިޓަޔަރ ނުކުރެއްވޭނެ ކަމުގައި ދެކެވަޑައިގަންނަވާތީއެވެ.

އެކަމަށް އިޝާރާތްކުރައްވައި ހޯމް މިނިސްޓަރ ވިދާޅުވީ، ފައިރޫޝް ރިޓަޔަރކުރައްވަން އުޅުއްވިއިރު ފުލުހުންގެ ޤާނޫނަށް އެފަދަ އިޞްލާހުތަކެއް ގެންނަން އުޅޭކަން އެނގިވަޑައިގެންފައިނުވާކަމަށެވެ. ފައިރޫޝް ރިޓަޔަރކުރެއްވި މައްސަލައާ ގުޅިގެން ތަފާތު އެކި ވާހަކަތައް ދެކެވެމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ރިޓަޔަކުރެއްވިއިރު ހުރިހާ އިޖުރާއަތްތަކެއް ވެސް ފުރިހަމަ ކުރައްވާފައިވާކަމަށެވެ.

"ވަރަށް ބައިވަރު އެބަހުރި. ތިކަމަށް އިންކާރެއް ނެތް ކުރެވޭކަށް. އެކަމަކު ވާހަކަ އެކަންޏެއް ނޫން. ފުރިހަމަ ވާން ޖެހޭ ލިޔެކިޔުމެއް ވިޔަސް ނުވަތަ މައްސަލައެއް، ހުށަހެޅުމެއް ވިޔަސް އޮންނަން ޖެހޭނެ. މިކަމުގައި ބެލޭނީ ހުރި ލިޔެކިޔުންތަކަށް. ސުވާލުތައް އުފެދެން ފެށުނީ މާފަހުން"

ފުލުހުންގެ ޚިދުމަތުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަސްދީގު ކުރައްވާފައިވަނީ މިދިޔަމަހުގެ 27 ވަނަ ދުވަހުއެވެ. އެ ޤާނޫނުގެ 112 ވަނަ މާއްދާގައިވާގޮތުން ފުލުހެއްގެ މަޤާމުގައި ހުރެ ކުރި ކަމެއްގެ ސަބަބުން އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ސަލާމަތްވުމަށްޓަކައި، ފުލުހުންގެ ޚިދުމަތުން ވަކިވާ މީހާ ފިޔަވައި ފުލުހުންގެ ވަޒީފާއިން އަމިއްލަ އިޙްތިޔާރުގައި އެއްވެސް ތައުދީބީ މައްސަލައެއް އުފުލާފައި ނެތް ހާލަތުގައި ނުވަތަ އެފަދަ މައްސަލައެއް ހުށަހެޅިދާނެ ޙާލަތެއް އުފެދިފައި ނެތީސް ވަކިވާ މީހުންނަކީ ޝަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކީވާ މީހުންނެވެ.

މޯލްޑިވިސް ޕޮލިސް ސަރވިސްގެ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި، ޑރ.ޢަބްދުﷲ ފައިރޫޝް ރިޓަޔަރ ކުރައްވާފައިވަނީ މިދިޔަ މަހުގެ 2ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތުން ޑރ. ފައިރޫޒް ރިޓަޔަރކުރެއްވިއިރު އޭނާ ހުންނެވީ ފުލުހުންގެ ހެޑް އޮފް ރިސޯސް މެނޭޖްމެންޓްގެ މަޤާމުގައެވެ. މިއީ ފުލުހުންގެ ފައިނޭންސާއި އިންސާނީ ވަސީލަތްތަކާއި އިންޖިނިއަރިން އަދި މެކޭނިކަލް ސާވިސް ހިމެނޭ ޑިޕާޓްމެންޓެވެ.

ފައިރޫޝްއަކީ އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން ލޯ އެންފޯސްމަންޓް އިންޓެލިޖެންސްއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ފުލުހުންގެ ޚިދުމާއި 1998 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 12 ވަނަ ދުވަހު ގުޅިވަޑައިގަތް ފައިރޫޝް ވަނީ 20 އަހަރާއި 1 މަސްދުވަސް ޚިދުމަތުގައި ހޭދަކުރައްވާފައެވެ. ފުލުުހުންނަށް ދޭ 9 ކުލައަކާއި 6 މެޑަލް ފައިރޫޝް ހާސިލްކުރައްވާފައިވާއިރު، އޭނާ ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު އެކި ތަމްރީންތައް ފުރިހަމަކުރައްވާފައެވެ.