ޚަބަރު

ވެންޓިލޭޓަރުތަކުގެ މައްސަލައާގުޅޭ އާ މަޢުލޫމާތުތަކެއް، ދައުވާކުރުމަށް މިހަފްތާގައި ގޮތެއް ނިންމަނީ


ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމަށް ހިންގާފައިވާ ކޮރަޕްޝަނާއި ގުޅޭ އައު މަޢުލޫމާތުތަކެއް ލިބިވަޑައިގެންފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ހަވާލުކުރި މައްސަލަ ތަހުގީގުކޮށް އެ މައްސަލާގައި ދައުވާކުރުމަށް އެސީސީން 11 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުއްވިއެވެ. އެސީސީގެ ތަހުޤީގުގައި ބުނެފައިވަނީ ވެންޓިލޭޓަރ ހޯދުމުގައި ހެލްތު މިނިސްޓްރީން މަސައްކަތްކޮށްފައި ވަނީ ވަކި ބަޔަކަށް މަންފާއެއް ވާގޮތަށްކަމަށެވެ. އެހެންނަމަވެސް މި މައްސަލާގައި ޕީޖީ އޮފީހުން ނިންމާފައިވަނީ ދައުވާ ނުކުރުމަށެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލައާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޝަމީމް ވިދާޅުވީ، އެ މައްސަލަ އިތުރަށް ދިރާސާކުރައްވަމުން އަންނަކަމަށާއި، މި ހަފްތާގެ ފަހުކޮޅު ނުވަތަ އަންނަ ހަފްތާގެ ކުރީކޮޅު އެ މައްސަލައާއިމެދު ގޮތެއް ނިންމާނެކަމަށެވެ. ޕީޖީ ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލާގައި ކުރަމުން އަންނަ ދިރާސާތަކުން މިހާތަނަށް އިތުރު މަޢުލޫމާތުތަކެއް މިހާރު ލިބިފައިވާކަމަށާއި، ނަމަވެސް އެ މަޢުލޫމާތުތައް އަދި ހާމަކުރެވެން ނެތްކަމަށެވެ.

"އަޅުގަނޑަށް ފާހަގަ ކުރެވުނު ކަމަކީ ފަހުން ބައިވަރު އިތުރު މައުލޫމާތު ތަކެއް އެބަހުރި.. އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތް އެނގިއްޖެއްޔާ އެހެން ގޮތަކަށް ވެސް މަސައްކަތް ބައްޓަން ކޮށްލުމުގެ ފުރުސަތު އޮވެދާނެތީ އަޅުގަނޑު އުޒުވެރިވަން އޭގެ ތަފްސީލުތައް ހާމަކުރަން."

ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާނުކުރަން ނިންމި ނިންމުން މުރާޖަޢާ ކުރުމުގެ މަސައްކަތް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، ކަމާގުޅޭ މުއައްސަސާތައް ގުޅިގެން ފެށުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެ މުއައްސަސާތަކަށް ވަނީ އަންގާފައެވެ. ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާ ނުކުރުމަށް ނިންމެވި މައްސަލައާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ކުރިން ވިދާޅުވެފައިވަނީ އެ މައްސަލަ ސާބިތުކޮށްދެވޭނެ އެއްވެސް ހެތްކެއް އޭސީސީގެ ތަޙްޤީޤުން ފެންނަން ނެތްކަމަށާ، މިކަމުގައި ޖިނާޢީ ދައުވާއެއްކޮށް ސާބިތުކޮށްދެވޭނެ ޙާލަތެއްވެސް ނެތްކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ނުގެނެވި އެކަމުގައި އިހުމާލުވުންތަކެއް ހުރިކަމަށް ތުހުމަތުކޮށް އޭސީސީން އެކަން ތަހްޤީޤުކޮށް އޭރުގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭހެން 11 މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވިއެވެ. އެމައްސަލާގައި ދައުވާ ނުކުރަން ޕީޖީ ނިންމަވާފައިވަނިކޮށް ހެލްތު މިނިސްޓަރުކަމުގެ މަޤާމުން އަބްދުﷲ އަމީން ވަނީ އިސްތިއުފާ ދެއްވާފައެވެ.

އެގްޒެކިއުޓާސްއާއެކު އެއްބަސްވި 75 ވެންޓިލޭޓަރުގެ ތެެރެއިން މިހާތަނަށް ލިބުނީ 10 ވެންޓިލޭޓަރެވެ. ބާކީ 65 ވެންޓިލޭޓަރު ފޮނުވާނެ ތާރީޚެއް އަދި ލިބިފައި ނުވާކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.