ވިޔަފާރި

ޖޫރިމަނާއަކާއި ނުލައި އަންނަމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވޯކް ޕާމިޓް ފީ ބަލައިގަންނާނެ


އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާއަކާއި ނުލައި ވޯކް ޕާމިޓް ފީ ބަލައިގަންނާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާޢިދުގައި ބަޔާންކުރާ ގޮތުގެ މަތިން، ވޯކް ޕާމިޓް ދޫކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. މިބަދަލާއި ގުޅިގެން، އެކްސްޕަޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވޯކް ޕަރމިޓް ފީ ދެއްކުމުގައި ސިސްޓަމް ބޭނުންކުރައްވާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވާކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، 10 މާރޗްގެ ނިޔަލަށް، ޖޫރިމަނާއަކާނުލައި ވޯކް ޕަރމިޓް ފީ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އަލަށް އެކުލަވާލާފައިވާ، ރާއްޖޭގައި ބިދޭސިން ވަޒީފާ އަދާކުރުމާބެހޭ ގަވައިދުގެ ދަށުން ވޯކް ޕާމިޓް ދޫކުރަން ފެށީ މި މަހުގެ 15 ވަނަ ދުވަހުއެވެ. މި ގަވައިދު ބުނާގޮތުން ބިދޭސީންނަށް ރާއްޖޭގައި ވަޒީފާ އަދާކުރެވޭނީ ވޯކް ޕާމިޓު ހޯދައިގެންނެވެ. ވޯކް ޕާމިޓު ދޫކުރާނީ، މިނިސްޓްރީން ބިދޭސީންގެ ވެރިފިކޭޝަން ފުރިހަމަކޮށްފައެވެ. އެ ވެރިފިފިކޭޝަން ފުރިހަމަކުރުމުގެ ކަންކަން ކުރަނީ އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށެވެ.

ބިދޭސީން ރާއްޖެ އެތެރެވާ ތާރީހުން ފެށިގެން 15 ދުވަސް ތެރޭ، ވޯކް ޕާމިޓާއި ވޯކް ވިސާ ހޯދަން ޖެހެއެވެ. މި މުއްދަތުގައި ވޯކް ޕާމިޓް ނުހައްދައިފިނަމަ ޖޫރިމަނާ އާއެކު ވޯކް ޕާމިޓް ފީގެ ގޮތުގައި މަހަކު 350 ރުފިޔާ ދައްކަން ޖެހެއެވެ.