ވިޔަފާރި

ކޯވިޑް-19 : ސިއްހީ އަދި އިޖްތިމާއީ ކަންކަމަށް 1.4 ބިލިއަން ޙަރަދުކޮށްފި

ކޯވިޑްގެ ސިއްހީ އަދި އިޖްތިމާއީ ކަންކަމަށް ސަރުކާރުން މިހާތަނަށް 1.4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޙަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ޢާންމުކޮށްފައިވާ "ވީކްލީ ކޯވިޑް-19 ސްޕެންޑިން" ރިޕޯޓުގައިވާގޮތުން މިދިޔަ ހަފްތާއާއި އަޅާބަލާއިރު މިހަފްތާ ސިއްހީ އަދި އިޖްތިމާއީ ކަންކަމަށް ކުރި ޙަރަދު ވަނީ %1.1 އިތުރުވެފައެވެ. އެހެންކަމުން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކޯވިޑް19ގެ ސިއްހީ އަދި އިޖްތިމާއީ ކަންކަމަށް ކުރި ހަރަދުތައް އުޅެނީ 1.4 ބިލިއަނުން މަތީގައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ މަސައްކަތްތަކަށެވެ. އެ ސެންޓަރުގެ މަސައްކަތްތަކަށް 867.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއަށް 372.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ކޯވިޑްއަށް ސަރުކާރުން ކުރާ ހޭދައިން އެންމެ ބޮޑު ޙަރަދެއް ހިނގާފައިވަނީ މިބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި، ޓެސްޓު ކިޓާއި ޕީޕީއީ ހޯދުމަށްކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއެވެ. އެގޮތުން މި ތަކެތި ހޯދަން މިހާތަނަށް 651 މިލިއަން ރުފިޔާ ވަނީ ހޭދަކުރައްވާފައެވެ.

ކޯވިޑަށް ސަރުކާރުން ކުރާ ހޭދަ ބަހާލާފައިވަނީ 2 ބަޔަކަށެވެ. ސިއްހީ އަދި އިޖްތިމާއީ ކަންކަމަށް ކުރާ ހޭދައިގެ އިތުރުން ދެން ހިމެނެނީ އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންއެވެ. މިދިޔަ ހަފްތާއާއި އަޅާބަލާއިރު މިހަފްތާގައި އިކޮނޮމިކް ރެސްޕޯންސް ސްޕެންޑިންއަށް ކުރި ހޭދަ ވަނީ %0.6 އިތުރުވެފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންއަށް މިހާތަނަށް 1.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ ކޯވިޑް19އާ ގުޅިގެން މާލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވަމުންދާ އާއްމު ފަރުދުންނާއި، ގޭބީސީތަކާއި، އަދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވުމަށް ސަރުކާރުން ތަޢާރަފްކޮށްފައިވާ ސްކީމެކެވެ.