ވިޔަފާރި

އެގްރޯނެޓުން ރޯދަމަހު 15 ބާވަތެއްގެ ތަރުކާރީއާއި މޭވާ ރާއްޖޭގެ ބާޒާރަށް


މިއަހަރުގެ ރޯދަމަހު އެގްރޯ ނެޓުން ދަނޑުވެރިންނާއި ގުޅިގެން 15 ބާވަތްތެއްގެ ތަރުކާރީއާއި މޭވާ ބާޒާރަށް ނެރޭނެކަމަށް އެގްރޯ ނެޓުން ހާމަކޮށްފިއެވެ.

ރޯދަމަހަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެގްރޯނެޓް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ، 17 ބާވަތެއް ހެއްދުމަށް ދަނޑުވެރިންނާއެކު މަސައްކަތްކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް މީގެ ތެރޭގައި ހިމެނޭ ފަޅޯ އަދި ފަތްކެޔޮ ހައްދަން ގިނަ ދުވަސް ނަގާނެ ކަމަށާއި، މި ދެ ބާވަތް ފިޔަވައި ދެން ހުރި ބާވަތްތައް މިއަހަރުގެ ރޯދަމަހަށް ބާޒާރަށް ނެރެވޭނެ ކަމަށް ހާރޫން ވިދާޅުވިއެވެ.

" 17 ބާވަތުގެ ތެރޭގައި ހިމެނެނީ، ބަރަބޯ، ފަތްކެޔޮ، ބަށި، މެލަން، ފަޅޯ، ކަރާ، ބަޓަރ ނަޓްސް، ޓޮމާޓޯ، ކިއުކަމްބާ، ޗިޗަންޑާ، ތޮރާ، މާމިއާ ތޮޅި، ބީންސް، ކެޕްސިކަމް، ލެޓިއުސް، ކެބެޖް، ޗައިނީސް ކެބެޖް، ދެން މައިގަނޑު ގޮތެއްގައި މި ބަލަނީ ދަނޑުވެރިން ލައްވައި ހެއްދޭތޯ، މަސައްކަތްކުރަމުން މިދަނީ ފަޅޯ އާއި ފަތްކެޔޮ ފިޔަވައި ދެންހުރި ބާވަތްތައް ރޯދައަށް ބާޒާރަށް ނެރެވޭތޯ،" ހާރޫން ވިދާޅުވިއެވެ.

ހާރޫން ވިދާޅުވީ މި ބާވަތްތައް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމަށް ދަތުރުފަތުރުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި އެގްރޯނެޓާއެކު ކޮންޓްރެކްޓްތައް ޤާއިމްކޮށްފައިނުވާ ދަނޑުވެރިންގެ އުފެއްދުންތައްވެސް މާރކެޓްކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ހާރޫން ވިދާޅުވިއެވެ. ހާރޫން ވިދާޅުވީ އެގްރޯނެޓާއެކު މަސައްކަތްކުރުމަށް ގިނަ އަދަދެއްގެ ދަނޑުވެރިން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ.

"45 ރަށުގަ ތިބި ދަނޑުވެރިންނާއި އެކީގައި މަސައްކަތް މިކުރަނީ، މީގެތެރޭގައި މިހާރުވެސް އިންޓްރެސްޓް ފާޅުކޮށްފައި އެބަހުރި 45 ރަށުގެތެރެއިން، 1359 ދަނޑުވެރިން، މީގެތެރެއިން ލ.އަތޮޅުގެ 107 ދަނޑުވެރިންނާއި އެކު އެގްރިމެންޓްތައް ޤާއިމްކޮށް މަސައްކަތް ފަށާފައިމިވަނީ، ދެން 13 ރަށުގެ ތެރެއިން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކާއި އެކު ކޮންޓްރެކްޓް ހެދުމަށް މަސައްކަތްކުރަމުންމިދަނީ،" ހާރޫން ވިދާޅުވިއެވެ.

އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިންގ މަޝްރޫއު މިދިޔަ ޑިސެމްބަރ މަހުގެތެރޭގައި ވަނީ ލ.އަތޮޅުގައި ފަށާފައެވެ. އެގޮތުން މިމަޝްރޫޢު ކުރިއަށްގެންދިޔުމަށް އެގްރޯނެޓުން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ލ.ގަން، އިސްދޫ، ކަލައިދޫ، އަދި ފޮނަދޫގެ ދަނޑުވެރިންނާ އެކުގައެވެ.

އެގްރޯ ނެޝަނަލް ކޯރޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ "ކޮންޓްރެކްޓް ފާމިން"ގެ ދަށުން އެއްބަސްވުންތައް ޤާއިމްކޮށް ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީ އެފަރާތްތަކުން ހައްދާ ތަކެތި ދާއިމީކޮށް އެ ކުންފުނިން ގަންނާނެއެވެ. މީގެ ސަބަބުން ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގެންދާނެއެވެ. އަދި ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހަމަ އަގު ލިބިގެންދާނެއެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މަސައްކަތްތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައެވެ.