ދުނިޔޭގެ ވިޔަފާރި

ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ ޓެރިފް އުވާލުމަށް އެމެރިކާއަށް ގޮވާލައިފި


އެމެރިކާގެ ކުރީގެ ސަރުކާރުން ޗައިނާއާ ދެކޮޅަށް އަޅާފައިވާ ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ޗައިނާ ސަރުކާރުން ގޮވާލައިފިއެވެ.

ޗައިނާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް އެމެރިކާގެ އައު ސަރުކާރަށް ޗައިނާއިން ގޮވާލާފައިވާއިރު، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި ޗައިނާގެ ކުންފުނިތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމުގެ އިތުރުން، ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ޓެރިފްތަކެއްވެސް ވަނީ ނަގަން ފަށާފައެވެ.

އެމެރިކާއިން ޗައިނާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ ވަންގް ޔީ ވަނީ ޗައިނާއާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި ޓެރިފްތައް އުވާލުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ގޮވާލާފައެވެ. އަދި ދެ ޤައުމުގެ ދެމުގައި މަޝްވަރާތައް ފަށައި، ބުރޫއަރާފައިވާ ދެ ޤައުމުގެ ގުޅުން އަލުން ބަދަހިކުރުމުގެ މަސައްކަތް ފެށުމަށް ޗައިނާގެ ފޮރިން މިނިސްޓަރ ގޮވާލެއްވިއެވެ.

ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއާއި ޗައިނާގެ ގުޅުން ގޯސްވެފައިވާއިރު، ޗައިނާގެ ޓެކްނޮލޮޖީ ކުންފުނިތަކާއި ދެކޮޅަށް އެމެރިކާއިން ވަނީ ދަތިކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެމެރިކާގެ ކުންފުނިތަކާއެކު ވިޔަފާރިކުރުން މަނާކޮށް، އެމެރިކާގެ ސަރުކާރުން އިއުލާންކުރާ މަޝްރޫޢުތަކަށް ކުރިމަތިނުލެވޭ ގޮތް ވަނީ ހަދާފައެވެ. މީގެއިތުރުން ޗައިނާގެ މީޑިއާތަކާއި އެމެރިކާގައި ކިޔަވައި ޗައިނާގެ ދަރިވަރުންނަށް ދަތިކުރުމަށްވެސް އެމެރިކާއިން މަސައްކަތްކުރާކަމަށް ޗައިނާއިން ތުހުމަތުކުރެއެވެ. އެގޮތުން ޗައިނާގެ 15 މީޑިއާއެއްގެ މައްޗަށް ޓްރަމްޕްގެ ސަރުކާރުން ވަނީ ޖާސޫސްކުރުމާއި ޗައިނާގެ ޕްރޮޕެގެންޑާ ފެތުރުމުގެ ތުހުމަތު ކޮށްފައެވެ. އަދި ސަލާމަތީ ސަބަބުތަކަށްކަމަށް ބުނެ މިދިޔަ ސެޕްޓެމްބަރުމަހު ޗައިނާގެ 1000 ރައްޔިތަކަށް ދީފައިވާ ވިސާ އެމެރިކާއިން ވަނީ ކެންސަލްކޮށްފައެވެ.

އެމެރިކާއާއި ޗައިނާގެ ގުޅުން ޓްރަމްޕްގެ ސަރުކާރުގައި ގޯސްވެފައިވާއިރު، ބައިޑަންގެ ސަރުކާރުން ޗައިނާއާއެކު ބާއްވާނެ ގުޅުމާއިމެދު ވަނީ ސުވާލު އުފެދިފައެވެ. ދާދިފަހުން އެމެރިކާގެ ރައީސް ބައިޑަންއާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން ވަނީ ފޯނުން މަޝްވަރާތަކެއް ބާއްވާފައެވެ. އަދި މަޝްވަރާތަކުގައި އުއްމީދީ ވާހަކަތަކެއް ދެކެވުނުކަމަށް ޗައިނާގެ އޮފިޝަލުން ބުނެއެވެ.

ޗައިނާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް އެޤައުމުން އެމެރިކާއަށް ގޮވާލިނަމަވެސް، ޗައިނާއިން އެތެރެކުރާ މުދަލުން ޓެރިފް ނެގުމަށް ކުރީގެ ސަރުކާރުން ނިންމާފައިވާ ނިންމުން މިވަގުތަށް ދަމަހައްޓާނެކަމަށް އެމެރިކާގެ މާލީ ވަޒީރު ޖެނެޓް ޔެލެން ވަނީ ވިދާޅުވެފައެވެ. ޔެލެން ވިދާޅުވީ ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ ޓެރިފް ބޮޑުކުރުމަށް ނިންމި ނިންމުމާއި މެދު ބައިޑަންގެ ސަރުކާރުން ގޮތެއް ނިންމާނީ، އެކަންކަން މުރާޖަޢާކުރުމަށްފަހުކަމަށެވެ. އެހެންކަމުން ޓެރިފް ބޮޑުކުރުމަށް ނިންމާފައިވާ ނިންމުން މިވަގުތަށް ދަމަހައްޓާނެކަމަށް ޔެލެން ވިދާޅުވިއެވެ.

ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ ޓެރިފް ބޮޑުކުރުމުން އެމެރިކާއަށް ފައިދާއެއް ވިތޯ ދެންނެވުމުން، ޔެލެން ވިދާޅުވީ އެކަންކަންވެސް މިހާރު ބަލަމުންދާކަމަށެވެ. އަދި ޤައުމީ ސަލަމާތާއި ގުޅުވައިގެން ޓްރަމްޕްގެ ސަރުކާރުން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް ބައިޑަންގެ ސަރުކާރުން މުރާޖަޢާކުރާނެކަމަށް ވައިޓް ހައުސްއިން މިދިޔަމަހު ވަނީ ބުނެފައެވެ.