ކުޅިވަރު

ކްރިސްޓަލް ޕެލަސް އާއި ބްރައިޓަން ބައްދަލުކުރިމެޗް ޕެލަސް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލަސް އާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރިމެޗް ޕެލަސް ކާމިޔާބުކޮށްފިއެވެ. ބްރައިޓަންގެ ދަނޑުގައި ކުޅުނު މިމެޗް ޕެލަސް ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެފައިވަނީ ބްރައިޓަންއެވެ. މިގޮތުން ބައިޓަންއިންވަނީ މިމެޗްގައި 25 ހަމަލާ އުފައްދާފައެވެ. އަދި ޕެލަސްއިން ވަނީ ވަރަށް ރަނގަޅަށް ޑިފެންޑްކޮށްފައެވެ. މިމެޗްގައި ޕެލަސްއިން ބްރައިޓަންގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައިވަނީ ދެ ހަމަލާއެވެ. އަދި އެ ދެހަމަލާވެސްވަނީ ގޯލަކަށް ވެފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 28 ވަނަ މިނެޓްގައި ޖަހައިދިނީ ޕެލަސްގެ ޖޮން ފިލީޕޭ މަޓޭޓާއެވެ. މިމެޗްގައި ބްރައިޓަންއިން އެއްވަރު ކުރި ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ޖަހައިދިނީ ޖޮއެލް ވެލްޓްމަންއެވެ. މިމެޗުން ޕެލަސް މޮޅުވި ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ ކްރިސްޓިއަން ބެންޓޭކޭއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޕެލަސްގެ ކޯޗް ރޮއި ހޮޖްސަން ހާމަކުރިގޮތުގައި އެންމެ ފަހު ވަގުތު ލަނޑެއް ޖަހައިގެން މޮޅުވުމަކީ އަބަދުވެސް ވަރަށް ހާއްސަ ކާމިޔާބީއެއްކަމަަށެވެ. އަދި ވަކިން ހާއްސަކޮށް އެވަރަށް ޑިފެންޑް ކުރަން ޖެހުމާއެކު މިނަތީޖާއިން މޮޅުވުމުން ވަރަށް ހިތްހަމަ ޖެހިފައިވާކަމުގައި އޭނާ ހާމަކުރިއެވެ. އަދި މިމެޗްގައި އޭނާގެ ޓީމުން ވަރަށް ރަނގަޅަށް ޑިފެންޑް ކުރި ކަމަށާއި އަދި ލިބުނު ހަމައެކަނި ދެ ފުރުސަތުގެ ބޭނުން ހިފުނީ ކަމަށެވެ.

ބްރައިޓަންގެ ކޯޗް ގްރަހަމް ޕޮޓަރ ހާމަކުރިގޮތުގައި މިއީ ވަރަށް ހިތްދަތިވި ނަތީޖާއެއް ކަމަށެވެ. އެވަރަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާ މެޗުން ބަލިވުމުން ހިތްހަމަ ނުޖެހޭކަމަށް އޭނާ ހާމަކުރުއެވެ.

މި ކާމިޔާބީއާއެކު ޕެލަސް މިހާރުވަނީ ކުޅުނު 25 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ބްރައިޓަން އުޅެނީ ކުޅުނު 25 މެޗުން ލިބިފައިވާ 26 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.