ކުޅިވަރު

ސެވިއްޔާ އާއި އޮސަސޫނާ ބައްދަލުކުރިމެޗް ސެވިއްޔާ ކާމިޔާބުކޮށްފި


ސްޕެނިޝް ލަަލީގާގައި ސެވިއްޔާ އާއި އޮސަސޫނާ ބައްދަލުކުރިމެޗް ސެވިއްޔާ ކާމިޔާބުކޮށްފިއެވެ. އޮސަސޫނާގެ ދަނޑުގައި ކުޅުނު މިމެޗް ސެވިއްޔާ ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

މެޗުގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސެވިއްޔާއިންނެވެ. މިމެޗްގައި ސެވިއްޔާއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 19 ވަނަ މިނެޓްގައި ޖަހައިދިނީ ޑިއޭގޯ ކާލޯސްއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 49 ވަނަ މިނެޓްގައި ޖަހައިދިނީ ލޫކް ޑި ޖޮންގްއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ސެވިއްޔާއަށް ލިބި ބޭކާރުވިއެވެ. އަދި އޮސަސޫނާއިން ވެސް ސެވިއްޔާގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެޓީމަށް ސެވިއްޔާގެ ގޯލަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.

މި ކާމިޔާބީއާއެކު ސެވިއްޔާ މިވަނީ އެންމެފަހުން އެޓީމު ކުޅުނު ފަސް މެޗުންވެސް މޮޅުވެފައެވެ. އަދި މި ކާމިޔާބީއާއެކު އެޓީމު މިވަނީ އެފްސީ ބާސެލޯނާ ފަހަތަށް ޖައްސާލާ ޕޮއިންޓް ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. ސެވިއްޔާއިން މިހާތަނަށް 23 މެޗް ކުޅެފައިވާއިރު 48 ޕޮއިންޓްވަނީ ލިބިފައެވެ. ބާރސާއަށް ލިބިފައިވަނީ 23 މެޗުން 47 ޕޮއިންޓެވެ. މިފަހަރު ލަލީގާގައި ޕޮއިންޓް ތާވަލްގެ އެއްވަނައިގައި އުޅެނީ 23 މެޗުން 55 ޕޮއިންޓް ހޯދައިގެން އެޓްލެޓިކޯ މެޑްރިޑެވެ. މިމެޗުން ބަލިވުމުން އޮސަސޫނާ އުޅެނީ ކުޅުނު 24 މެޗުން ލިބިފައިވާ 25 ޕޮއިންޓާއެކު ޕޮއިންޓް ތާވަލްގެ 13 ވަނައިގައެވެ.