ޚަބަރު

2011ވަނަ އަހަރު އިންޑިއާއިން ދިން އެހީގެ ބަކީބައި މަގުތައް ހެދުމަށް


2011ވަނަ އަހަރު ރާއްޖޭގައި ހައުސިން މަޝްރޫއު ހިންގުމަށް އިންޑިއާއި ދީފައިވާ ފައިސާގެ ތެރެއިން ބާކީހުރި ފައިސާ މަގު ހެދުމުގެ މަޝްރޫޢުތަކަށް ޚަރަދުކުރަން ކަނޑައަޅައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކެރެޓަރީ މިދުފާ ނައީމް ވިދާޅުވީ 2011ވަނަ އަހަރު ރާޢްޖޭގައި ހައުސިން މަޝްރޫޢުއެއް ކުރިއަށް ގެންދިޔުމަށްޓަކައި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 40 މިލިޔަން އެމެރިކާ ޑޮލަރު ފޯރުކޮށްދިން ކަމަށެވެ.

އެހެންނަމަވެސް އެ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫއުގެ ސްކޯޕް ކުޑަވެފައިވުމުގެ ސަބަބުން 25 މިލިޔަން ޑޮލަރު ބާކީ ހުރިކަމަށެވެ. މިދުފާ ވިދާޅުވީ އެފައިސާ އެހެން މަޝްރޫއުއަކަށް ބޭނުން ކުރާނަމަ އަލުން އެއްބަސްވުމެއް ޤާއިމްކުރަން ޖެހޭކަމަށާއި އިންޑިއާގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ވަޑައިގެންނެވި ދަތުރުފުޅުގައި އެ އެއްބަސްވުމުގައިވެސް ސޮއިކުރައްވާފައިވާކަމަށެވެ. މީގެ އިތުރުން އެ ފައިސާ ރާއްޖޭގެ އެކި ރަށްރަށުގެ މަގުތަށް ހެދުމަށް ޚަރަދުކުރުމަށް ހަމަޖެހިފައިވާކަމަށް މިދުފާ ވިދާޅުވިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އިންޑިއާ ލައިން އޮފް ކްރެޑިޓްގެދަށުން މާލީ އެހީ ދިނުމުގެ އެއްބަސްވުމާއެކު 5 އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.
މިގޮތުން އިންޑިއާއިން ފޯރުކޮށްދޭ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫޢުގެ ގޮތުގައި އައްޑޫ ސިޓީ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ބިން ހިއްކުމުގެ މަޝްރޫޢު ހިމެނެއެވެ. އައްޑޫ ސިޓީގެ އުމްރާނީ ތަރައްޤީއަށް ހިންގާ 1.2 ބިލިއަން ރުފިޔާގެ މިމަޝްރޫޢަކީ އިންޑިއަން އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ ދެވަނައަށް އެންމެ ބޮޑު މަޝްރޫޢެވެ.

އިންޑިއާއިންދަނީ ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫޢުތަކަށް މާލީ އެހީ ދިނުމާއި ރަށު ފެންވަރުގައި އިޖްތީމާއީ ގިނަ މަޝްރޫޢުތައް ހިންގުމަށްވެސްދަނީ އެހީތެރިކަންވެދެމުންނެވެ.