ޚަބަރު

ސްޓޫޑެންޓް ލޯނުގައި ކޮންމެ ރަށަކަށް ވަކި އަދަދެއް ކަނޑައަޅާފައިވާނެ: ރައީސް


މަތީ ތައުލީމަށް ދޫކުރާ ލޯނުގައި ކޮންމެ ރަށަކަށް ވަކި އަދަދެއް ކަނޑައަޅާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއިއެކު "ރަށްވެހި ފަތިސް"ގެ ނަމުގައި ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ގއ.އާއި ގދ.ގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިގޮތުން ގއ އަތޮޅު ކައުންސިލުގެ ކެންޑިޑޭޓުން ވަނީ މަތީތަޢުލީމާއި ތަމްރީނަށް ދޫކުރާ ލޯނު ބައެއް ރަށްރަށުގައި ކުދިންނަށް ނުލިބޭކަމުގެ ޝަކުވާ ހުށައަޅާފައެވެ. މިކަމަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ މިއަހަރު ހުޅުވާލާފައިވާ ސުޓޫޑެންޓް ލޯނުގައި ވަކި ވަކި ރަށްތަކާއި އަތޮޅުތަކަށް ވަކި އަދަދެއް ކަނޑައަޅާފައިވާނެކަމަށެވެ. އަދި އެރަށްތަކަށް ދާއިރާތައްވެސް ކަނޑައަޅާފައިވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ސުޓޫޑެންޓް ލޯނު މިފަހަރު އަޅުގަނޑުމެން ނިންމާފައި އޮންނާނީ ކޮންމެ ރަށަކަށް ވަކި ވަރެއް ކަނޑައަޅަން. އެހެންވީމާ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން މިފަހަރު ލޯނު ދޫކުރާއިރުގައި ކޮންމެ ރަށަކަށް ވަކި ވަރެއް ކޮންމެ އަތޮޅަކަށް ވަކި ވަރެއް އަދި ދާއިރާތައްވެސް ކަނޑައެޅިފައި އޮންނާނީ." ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވަނީ މިވަގުތު ގއ އަތޮޅާއި ގދ އަތޮޅުގެ ރަށްތަކުގެ ދަރިވަރުންގެ ތެރެއިން މަތީ ތަޢުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންގެ އަދަދުތައްވެސް ހިއްސާކޮށްފައެވެ. މިގޮތުން ގއ. އަތޮޅުގެ އެކި ރަށްތަކުން މިހާރުވެސް 236 ދަރިވަރަކު އަންނަނީ މަތީ ތަޢުލީމާއި ތަމްރީން ހާސިލް ކުރަމުންނެވެ. މީގެ އިތުރުން ގދ.އަތޮޅުގެ ބައެއް ރަށްތައް ހިމެނޭގޮތަށް 137 ދަރިވަރަކު މަތީ ތަޢުލީމް ހާސިލްކުރަމުން އަންނަކަމަށް މި ބައްދަލުވުމުގައި ހިއްސާކުރެއްވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ޚާއްސަކޮށްގެން މިފަހަރު ހުޅުވާލި ލޯން ސްކީމްގައި 770 ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވެއެވެ. މިއީ މިހާތަނަށް ހުޅުވާލި އެންމެ ބޮޑު ލޯން ސްކީމެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރު ކިޔަވަމުންދާ ކުދިންނަށް ޚާއްސަކޮށްފައިވާ 471 ޖާގައާއި، އަލަށް ކިޔަވަން ފަށާ ކުދިންނަށް ޚާއްސަކޮށްފައިވާ 290 ޖާގައެވެ.

މިއަހަރުގެ ލޯން ސްކީމްގައި އެހެން އަހަރުތަކާއި ޚިލާފަށް އޯޕަން ކެޓެގަރީ ހިމަނާފައެއް ނުވެއެވެ. އެހެންނަމަވެސް ރާއްޖޭގައި ތައުލީމު ހާސިލްކުރެވޭ ބައެއް ދާއިރާތަކަށް ރާއްޖެއިން ބޭރަށް ގޮސްގެން ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ޕައިލެޓްކަމާއި އެމްބީބީއެސް ހިމެނެއެވެ. އަދި މިއަހަރުގެ ލޯން ސްކީމްގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިންއަށް 20 ޖާގަ ވަނީ ހާއްސަކޮށްފައެވެ.

މީގެ އިތުރަށް ލޯނަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން ޒަކާތު ފަންޑުގައި ފަގީރުންގެ ގޮތުގައި ދަފްތަރުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާރުވެސް ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން ކިޔެވުން ފުރިހަމަ ކުރުމަށް އޮތް މުއްދަތު ކުރު ދަރިވަރުންނަށް އިސްކަން ދިނުމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.

މިފަހަރު ހުޅުވާލި ސްޓޫޑެންޓް ލޯން ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މާރޗްމަހުގެ 4 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. އަދި ލޯންލިބޭ ދަރިވަރުންގެ ފައިނަލް ލިސްޓް އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ ވަގުތީ ލިސްޓެއް އާއްމުކޮށް އެއަށް ޝަކުވާ ހޫށައެޅުމުގެ ފުރުޞަތު ދިނުމަށްފަހުގައެވެ.