ވިޔަފާރި

އަނެއްކާވެސް ރެކޯޑެއް، މިފަހަރު އެއްދުވަހުން 5000 އަށްވުރެ ގިނަ ފަތުރުވެރިން


މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ އިއްޔެ ރާއްޖެއަށް 5000 އަށްވުރެ ގިނަ ފަތުރުވެރިން އައިސް އާ ރެކޯޑެއް ޤާއިމްކޮށްފައިވާކަމަށެެވެ. މިނިސްޓްރީން ވަނީ މިކަމާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކަމާއި ގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި މަރުޙަބާ އާއި ޝުކުރު އަދާކޮށްފައެވެ.

އިއްޔެ ރާއްޖެއަށް 5100 ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރު ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް ވަނީ 4856 ފަތުރުވެރިން އައިސްފައެވެ.

ބޯޑަރު ހުޅުވާލުމާއިއެކު ރާއްޖެއަށް އަލުން ދަތުރުތައް ފަށަމުންދާ އެއަރލައިންތައް އިތުރުވަމުންދާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެެ.

އެގޮތުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 100 ފަތުރުވެރިންނެވެ. އަދި އޮގަސްޓުމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 246 ފަތުރުވެރިންނެވެ. ސެޕްޓެމްބަރުމަހު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އައިސްފައިވަނީ 318 ފަތުރުވެރިންނެވެ. އަދި އޮކްޓޫބަރުމަހު މި އަދަދު ވަނީ 694 އަށްއަރާފައިވާއިރު، ނޮވެމްބަރުމަހު އެވަރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އައިސްފައިވަނީ 1192 ފަތުރުވެރިންނެވެ. އަދި ޑިސެމްބަރުމަހު މިއަދަދުވަނީ 3125އަށް އަރާފައެވެ.

މިއަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 2971 ފަތުރުވެރިންނެވެ. އަދި މިމަހުގެ މިހާތަނަށް ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަނީ 3351 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 159126 ފަތުރުވެރިން އައިސްފައެވެ. މީގެތެރޭގައި ހިމެނެނީ ޖެނުއަރީމަހު ރާއްޖެއަށް އައި 92103 ފަތުރުވެރިންނާއި، ފެބްރުއަރީމަހުގެ ފުރަތަމަ 20 ދުވަހު ރާއްޖެއަށް އައި 67023 ފަތުރުވެރިންނެވެ.