ޚަބަރު

ކޯވިޑް-19 : ޒުވާނުންގެ މެދުގައި ބަލީގެ ނުރައްކާ އިތުރުވަނީ، ފަރުވާކުޑަ ނުކުރޭ - ޑރ.ނަޒްލާ


ރާއްޖޭގައިވެސް ކޯވިޑް-19އަށް ހުށައެޅޭ ޒުވާނުންގެ ޢަދަދު އިތުރުވަމުން އަންނަކަން ފާހަގަކުރެވޭކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ. މިބަލީގެ ނުރައްކާ ކުޑަކަމަށް ޤަބޫލުކޮށް ޒުވާނުން ފަރުވާ ކުޑަނުކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ހެލްތު އެމަރޖެންސީ އޮޕްރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ މުޖުތަމައަށް ބަލާލުމުން ފެނިގެންދަނީ ޒުވާނުންނަށް ބަލީގެ ނުރައްކަލެއް ނެތްކަމަށް ޤަބޫލުކުރެވިފައިވާ މަންޒަރުކަމަށެވެ. އެހެންނަމަވެސް އެއީ މުޅިން ހަގީގަތެއް ނޫންކަމަށާ މިބަލީގެ ސަބަބުން އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ ޒުވާނުންގެ ޢަދަދުވެސް އިތުރުވަމުން އަންނަކަމަށް އޭނާ ވިދަޅުވިއެވެ. އަދި ބަލީގެ ހަގީގަތް މުޅިން ކަށަވަރުނުވާއިރު ބަލިން އަރައިގަނެވޭނީ ބައްޔާމެދު ފަރުވާކުޑަ ނުކޮށް ރައްކާތެރިކަން އިސްކޮށްގެންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"ބައެއް ޒުވާނުންނަށް ހީވާކަހަލަ މިބަލީގެ ނުރައްކާ ޒުވާނުންނަށް ނުކުރާކަމަށް. ބަލީގެ ސަބަބުން ޢަލާމާތް ނުފެންކަމަށް ޒުވާނުންގެ ތެރޭގައި. އެކަމަކު ރާއްޖޭގައިވެސް ބަލީގަ ބޮޑުވަރުވާ ޒުވާނުންގެ ޢަދަދު އިތުރުވަމުން އަންނައިރު އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ޒުވާނުންވެސް އިތުރުވަމުން އެބަދޭ."ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ މިބަލިޖެހި ރަނގަޅުވާ މީހުންނަށްވެސް ގިނަ މައްސަލަތަކެއް ކުރިމަތިވަމުން އަންނަކަމަށެވެ. އެގޮތުން ދިގުމުއްދަތަކަށް އެކި ކަހަލަ ސިއްޙީ މައްސަލަތައް ކުރިމަތިވަމުން އަންނައިރު އޭގެ ސަބަބުން ޢާއްމު ދިރިއުޅުމުގައިވެސް އެތައް ދަތިތަކާއި ކުރިމަތިލާންޖެހޭ މީހުން ފާހަގަވަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ހަމައެއާއެކު ބަލީގެ އިތުރު ވޭރިއެންޓް އުފެދުން ކޮންޓްރޯލްކުރުމަށްވެސް ބަލި ފެތުރޭ ނިސްބަތް ކޮންޓްރޯލްކުރަންޖެހޭކަމަށް ޑރ.ނަޒްލާ ރަފީޤް ވިދާޅުވިއެވެ.

ބަލީގެ ޙާލަތާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވަމުން ޑރ.ނަޒްލާ ވިދާޅުވީ ބައެއް ފަރާތްތަކުން ރައްކާތެރިކަން ކަށަވަރުނުކުރެވޭ މާސްކު އަޅަމުން އަންކަމަށެވެ. އެގޮތުން ވޭލްވް ނުވަތަ ވައި ބޭރުކުރުމަށް ޕްލާސްޓިކް ހުންނަ މާސްކުން ކޯވިޑް ވައިރަހުން ރައްކާތެރިކަން ކަށަވަރުކޮށްނުދޭކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެހެންކަމުން މާސްކަކީ ބަލިން ރައްކާތެރިކަން ހޯދައިދޭފަދަ މާސްކެއްކަން ކަށަވަރުކުރުމަށް ޑރ.ނަޒްލާވަނީ އިރުޝާދުދެއްވާފައެވެ.