ކުޅިވަރު

އަނިޔާއާއި ސަސްޕެންޝަން، ބޮޑު ގޮންޖެހުމެއް - ސުޒޭން


ޓީމަށް ދިމާވެފައިވާ އަނިޔާއާއި ސަސްޕެންޝަނު މައްސަލައަކީ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދުމަށް މާޒިޔާއަށް އޮތް ހުރަހެއްކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ. ސުޒޭން މިހެން ބުނީ އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި އެކެއް ސުމަކުން ބީޖީ އަތުން ރޭ މާޒިޔާ ބަލިވި މެޗަށް ފަހުގައެވެ. އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން މުހިއްމު ބައެއް ކުޅުންތެރިން ނުލާ ރޭގެ މެޗް މާޒިޔާ ކުޅުނުއިރު، މެޗުގައި އެ ޓީމަށް މާ ނުރައްކާތެރި ހަމަލާތަކެއްވެސް އުފެއްދިފައެއް ނުވެއެވެ. ބީޖީން މެޗުގައި ޖެހި ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ އިބްރާހިމް ހަމްދާނެވެ.މެޗަށް ފަހު މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނީ މެޗުގައި ރަނގަޅަށް ކުޅުނީ ބީޖީންކަމަށާއި، ގޯލެއް ޖެހުމަށް މާ ރަނގަޅު ފުރުސަތުތަކެއް މާޒިޔާއަށް ތަނަވަސްކުރެވިފައިނުވާކަމަށެވެ. އަދި އަނިޔާއާއި ސަސްޕެންޝަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ޖެހިޖެހިގެން ތިން މެޗުން މާޒިޔާ ބަލިވެގެންދިޔުމަކީ މާޔޫސްވާކަމެއްކަމަށް އޭނާ ބުންޏެވެ. "ކުޅުން ގޯހެއް ނޫން، ގޯލް ޖަހާނެ ޗާންސްތަކެއް މާޒިޔާއަކަށް ތަނަވަސްނުކުރެވުނު، ބީޖީން މެޗުގައި މާ ރަނގަޅަށް ކުޅުނު، ޖެހިޖެހިގެން ތިން މެޗުން ބަލިވުމުން މިހާރުގެ ޓާގެޓާކީ ކުރިއަށް އޮތް މެޗް ކާމިޔާބުކުރުން" ސުޒޭން ބުންޏެވެ.ޤައުމީ މުބާރާތަށްފަހު ޤައުމީ ޓީމާއި ގުޅުނު ކުޅުންތެރިން އަނިޔާއިން އެނބުރިއައިސް އަދި ފުރިހަމައަށް ފިޓްވާން ވަގުތު ނުލިބޭކަމަށާއި، ސްކޮޑްގައި ހިމެނޭ ކުޅުންތެރިންގެ އަދަދު މަދުވުމަކީ ދިގު ސީޒަނަކަށް ނިކުންނައިރު ޓީމަށް ދިމާވާނެ ބޮޑު މައްސަލައެއްކަމަށްވެސް ސުޒޭން ފާހަގަކުރިއެވެ."ގައުމީ ޓީމާއެކު ކުޅުންތެރިންނަށް ދިމާވި އަނިޔާގެ މައްސަލަތަކަށް އަދިވެސް ހައްލެންނާދޭ، ކުޅުންތެރިން އަދިވެސް އެއްކޮށް ފިޓެއް ނޫން، ދިގު ސީޒަނަކާއި ކުރިމަތިލާއިއިރު އަނިޔާއާއި ސަސްޕެންޝަން ގިނަވުމަކީ ޓީމަށް ލިބޭނެ ބޮޑު ގެއްލުމެއް" ސުޒޭން ބުންޏެވެ.ރޭގެ މެޗުން މޮޅުވި ބީޖީގެ ކޯޗް މުޙައްމަދު ޝާޒްލީ ބުނީ ދެވަނަ ބުރުގައި ކުރިއަށް އޮތް ކޮންމެ މެޗަކީ މުހިންމު މެޗަކަށްވެފައިވާ މި ދަނޑިވަޅުގައި މި ލިބުނީ ވަރަށް މުހިންމު ތިން ޕޮއިންޓްކަމަށާއި، މާޒިޔާ ބަލިކޮށް މި ތިން ޕޮއިންޓް ލިބުމަކީވެސް ލިބުނު ބޮޑު ހިތްހަމަ ޖެހުމެއްކަމަށެވެ."ތިން ޕޮއިންޓަށް ނިކުތީ، އެކަން ހާސިލްވެއްޖެ. އަނެއްކޮޅުން މާޒިޔާއާއި ދެކޮޅަށް ނިކުމެ މި ތިން ޕޮއިންޓް ލިބުމަކީ ކުރިއަށް ހުރި މެޗުތަކަށް މުޅި ޓީމަށްވެސް ލިބިގެންދާނެ ބޮޑު ހިތްވަރެއް" ޝާޒްލީ ބުންޏެެވެ.ރޭގެ ނަތީޖާއާއިއެކު މާޒިޔާވަނީ ތާވަލްގެ ފަސްވަނައަށް ވެއްޓިފައެވެ. ތާވަލްގެ އެއްވަނާގައި އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާއާއި ދެމެދު މިހާރު އެގާރަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ރޭގެ މެޗުން މޮޅުވި ބީޖީ އޮތީ ތާވަލްގެ ހަވަނަ މަގާމްގައެވެ.