ޚަބަރު

އިންޑިއާގެ އެހީގައި ތަރައްޤީކުރަނީ އައްޑޫ އެކަންޏެއް ނޫން: ފައްޔާޟް


އިންޑިއާގެ އެހީގައި ތަރައްޤީކުރުމަށް މަސައްކަތް ކުރަނީ ހަމައެކަނި އައްޑޫ ސިޓީ ނޫންކަމަށާއި، ރާއްޖޭގެ އެހެން ސަރަޙައްދުތައްވެސް ތަރައްޤީކުރާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވެފައިވަނީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މާލީ އެހީތެރިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފައްޔާޒް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވެރިކަމާއި ހަވާލުވިވެޑައިގެންނެވި އިރު، ސަރުކާރުގެ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވި އެއް ކަމަކީ ރާއްޖޭގެ އުތުރާއި ދެކުނު އިޤްތިޞާދީ ހަބެއްގެ ގޮތުގައި ތަރައްޤީކޮށް، ލާމަރުކަޒު ކުރުންކަމަށެވެ. އެއާއެކު އައްޑޫގެ ތަރައްޤީގެ ޕްލޭނެއް ހެދި، އެމަގަށް މަސައްކަތް ކުރެވެމުންދާކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވީ، އިންޑިއާގެ އެހީގައި ހަމައެކަނި ތަރައްޤީކުރަނީ އައްޑޫ ނޫން ކަމަށާއި ރާއްޖޭގެ އެހެން ސަރަޙައްދުތައްވެސް ތަރައްޤީކުރާނެކަމަށެވެ. އެގޮތުން އުތުރުގެ އިޤްތިޞާދީ ތަރައްޤީގެ އެންމެ މުހިންމު އެއް ޕްރޮޖެކްޓުގެ ގޮތުގައި ހިމެނޭ ހަނިމާދޫ އެއާޕޯޓު އިންޑިއާގެ އެހީގައި ތަރައްޤީކުރުމުގެ މަޝްރޫއުގެ ޑީޕީއާރު ނިމި، ކުރިއަށް އޮތް މަހެއްހާ ދުވަހު ބީލަމުގެ ފުރަތަމަ މަރުހަލާއަށް ހުޅުވާލެވޭނެ ކަމަށް ވިދާޅުވިއެވެ. މިމަޝްރޫއުގެ ސަބަބުން އުތުރަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރެވި، އިޤްތިޞާދީ ކުރިއެރުން މުޅި ސަރަހައްދަށް އަންނާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އުތުރުގެ މަސްވެރިންނަށް، ލުއި ފަސޭހަކަމެއް ލިބިގެންދާނެ މަޝްރޫއެއްގެ ގޮތުގައި ފެލިވަރު ތަރައްޤީކުރުމުގެ މަޝްރޫއުއަކީވެސް އިންޑިއާގެ އެހީގައި ކުރިއަށްދާ މަޝްރޫޢެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އިންޑީއާގެ އެހީގެ ދަށުން ފެލިވަރު ކޭނިން ފެކްޓަރީ އަދި ކޯލްޑް ސްޓޯރޭޖް ތަރައްޤީ ކުރުމަށް މިހާރު ނިންމާފައިވާއިރު، އެ މަޝްރޫއުގެ ކޮންޓްރެކްޓަރުންގެ ޕްރީކޮލިފިކޭޝަންއަށް ބީލަމަށް ހުޅުވާލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިންޑީއާގެ އެގްޒިމް ބޭންކުން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެހީ ދޭން ނިންމާފައިވާއިރު، މި އެހީގެ ދަށުން އައްޑޫގެ ތަރައްޤީގެ ގިނަ މަޝްރޫއުތަކާއި އުތުރުގެ އުމްރާނީ ތަރައްޤީގެ މަޝްރޫއުތައްވެސް ކުރިއަށް އެބަގެންދެއެވެ.