ޚަބަރު

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން 500 މިލިއަން ރުފިޔާގެ އެހީ


އަތޮޅުތެރޭގެ ރަށްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން 500 މިލިޔަން ރުފިޔާގެ ލުއި ލޯނު ދިނުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށްޓަކައި އެޕާޓީން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ދާއިރާގެ ރައްޔިތުންނާއެކު ބާއްވަމުންދާ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ރޭ ބޭއްވި ބައްދަލުވުމުގައި އަތޮޅުގެ ތެރޭގެ ހައުސިން މަޝްރޫޢުތަކާއި ގުޅޭގޮތުން ކުރެވުނު ސުވާލުގެ ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަތޮޅު ތެެރޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.

ރައީސް ވިދާޅުވީ ރަށްރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން 500 މިލިއަން ރުފިޔާ މި އަހަރު ދޫކުރަން ނިންމާފައިވާ ކަމަށާއި އެ ފައިސާ ދޫކުރާނީ ލުއި ލޯނެއްގެ ގޮތުގައި ކަމަށެވެ. އަދި މިއީ ރަށްތަކުގައި މިހާރު ބޯހިޔާވަހިކަން ބޭނުންވެ، އެމަސައްކަތް ނުފެށި ތިބި ރައްޔިތުންނަށް ދެވޭނެ ވަރަށް ބޮޑު އެހީތެރިކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ވަނީ އަތޮޅުތެރޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރަށްރަށުގައި ނުހެދި ހުރި ގެވަޅުތައް ސަރުކާރުގެ ހައުސިން ސްކީމް ތެރެއިން އިމާރާތްކުރުމަށްޓަކައި ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް މިދިޔަ ހަފްތާގެ މަޖިލީހުގައި ވަހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މިގޮތަށް މިމަސައްކަތް ކުރުމަށް ހުޅުވާލުމުން ކޮންޓްރެކްޓަރުންގެ ފަރާތުން ހުށަހެޅޭ އަގުތަކަކީ މިމަސައްކަތް ކުރިއަށް ގެންދިއުމަށް އެންމެ އެކަށީގެންވާ އަގުތަކެއް ނޫންކަމަށެވެ.

އަތޮޅުގެތެރޭގެ ބޯހިޔާވަހިކަން ހައްލުކުރުމަށް، ބޯހިޔާވަހިކަމުގެ މައްސަލަ އެންމެ ބޮޑު 5 ރަށެއްގައި 500 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ދަނީ ކުރަމުންނެވެ. މި މަޝްރޫޢުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާއިރު، މި އަހަރުގެ ނިމުމުގެ ކުރިން މިމަސައްކަތް ނިންމާލުމަކީ މިނިސްޓްރީގެ އަމާޒެކެވެ. މީގެއިތުރުން ކުރީގެ ސަރުކާރުތަކުން އަޅަންފަށައި، ހުއްޓިފައިވާ މަޝްރޫޢުތައްވެސް އަލުން ފަށައި ދިރިއުޅެވޭނެ ގޮތްތައްވެސް ދަނީ ފަހި ކުރަމުންނެވެ.