ވިޔަފާރި

ހަނިމާދޫ އެއަރޕޯޓު އަޕްގްރޭޑްކުރުމަށް ޖުލައިމަހު ބަޔަކާއި ހަވާލުކުރެވޭނެ: ފައްޔާޟް


ހދ.ހަނިމާދޫ އިންޓަރނޭޝަލް އެއަރޕޯޓު ބޮޑުކޮށް، އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު މިއަހަރުގެ ޖުލައިމަހުގެތެރޭ ބަޔަކާއި ހަވާލުކުރެވޭނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން ކައުންސިލް އިންތިހާބުގައި ވާދާކުރާ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އަޕްގްރޭޑްކުރުމަށްޓަކައި، އެކަމާއި ގުޅޭ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އެގޮތުން މި މަސައްކަތް ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާތައް މިހާރު ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިދިޔަ އޮކްޓޫބަރުމަހު ހިސާބުގައި ފަށައިގެން އައިސް މިދިޔަ ހަފްތާތެރޭގައި މިހާރު މިވަނީ ފީސިބިލިޓީ ނިންމާފައި އެ ރިޕޯޓް، ދިވެހި ސަރުކާރުން އެޕްރޫވްކުރުމަށްފަހު އިންޑިއާގެ ސަރުކާރަށް، އެގްޒިމް ބޭންކަށް މިހާރުވަނީ ފޮނުވިފައި، މާރޗުމަހުގެތެރޭގައި ޓެންޑަރިންގގެ ފުރަތަމަ ޕްރޮސެސް ފެށޭނެ، 2 މެހެއްހާ ދުވަސްތެރޭ ޕްރީ ކޮލިފައިވާ ފަރާތްތައް ލިބުނީމައި، އެމީހުން ޓެންޑަރކޮށްގެން ގާތްގަނޑަކަށް ޖުލައިމަހު ހިސާބު، ކޮންޓްރެކްޓް އެވޯޑް ކުރެވޭނެ ކަމަށް މި ބަލަނީ ގާތްގަނޑަކަށް ސެޕްޓެމްބަރ، އޮކްޓޫބަރު ހިސާބު އެއަރޕޯޓް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޟް ވިދާޅުވީ ހަނިމާދޫއަށް ޖައްސާ ބައިނަލްއަޤްވާމީ ފްލައިޓްތައް އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އުތުރުގައި ފަތަރުވެރިކަމުގެ އެނދުތައް އިތުރުކުރުމަށް ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

'ވަރަށް މުޙިއްމުކަމެއް އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްޤީކުރުމަށްފަހު، އެވަރަށް ގެސްޓް އެނދު ތަރައްޤީކުރުމަކީ، އެކަމަށްވެސް ޓޫރިޒަމް މިނިސްޓްރީ އާއި އެކު މިދަނީ މަސައްކަތްކުރަމުން، އެގޮތުން ބޮޑު ތިލަދުންމަތީގައި އިތުރު ރިސޯޓްތައް ތަރައްޤީކުރުމަށް ބިޑިންގ ޕްރޮސެސްވެސް އެބަ ކުރިއަށްދޭ،" މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުން ވަނީ ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުއަށް އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ރުފިޔާގެ ލައިން.އޮފް.ކްރެޑިޓްގެ ދަށުން ފަންޑުކުރަން ނިންމާފައެވެ. މި މަޝްރޫއުގެ ފައިނަލް ޓެންޑަރިންގެ މަސައްކަތް ކުރާނީ ދިވެހި ސަރުކާރުންނެވެ. އެގްޒިމް ބޭންކްގެ ގައިޑްލައިންތަކުގައިވާ ފަދައިން މިފަދަ މަޝްރޫއުތަކުގެ މަސައްކަތުގައި އިންޑިއާގެ ކުންފުނިތަކާއެކު ބައިވެރިވުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ހަނިމާދޫ އެއަރޕޯޓު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް، އެއެއަރޕޯޓްގެ ރަންވޭ 2200 މީޓަރަށް ބޮޑުކުރުމަށް ވަނީ ހަމަޖައްސާފައެވެ. ރަންވޭ ތަރައްޤީކުރަނީ އޭ.320ގެ މަތިންދާބޯޓު ޖެއްސޭ ފެންވަރަށެވެ. އަދި އެއަރޕޯޓްގެ ޕެސެންޖަރ ޓަރމިނަލް ބޮޑުކުރުމާއި، ކަރގޯ ޓަރމިނަލާއި، ފިއުލް ފަރމާއި ފަޔަރ ސްޓޭޝަން އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން މިމަަޝްރޫއުގައި ހިމެނެއެވެ.