ދުނިޔެ

ނިއުޒީލެންޑުގައި ކޯވިޑް ވެކްސިން ދޭން ފަށައިފި


ނިއުޒީލެންޑުގައި ކޯވިޑް-19 ވެކްސިން ދޭން ފަށައިފިއެވެ. ނިއުޒީލެންޑުގެ ވެކްސިން މަޝްރޫޢު ފަށާފައިވަނީ ފެބްރުއަރީ މަހުގެ 21ވަނަ ދުވަހުގައެވެ. އެ ޤައުމުގެ ކޯވިޑް ވެކްސިން މަޝްރޫޢުގައި ބޭނުންކުރަމުންދަނީ ފައިޒާ އާއި ބަޔޯއެންޓެކު ކުންފުނިން އުފައްދާފައިވާ ކޯވިޑް ވެކްސިނެވެ.

ވެކްސިން މަޝްރޫޢު ފެށުމުގެ ކުރިން ފެބްރުއަރީ މަހުގެ 20ވަނަ ދުވަހުގައި އޮކްލޭންޑުގެ މަދު ޢަދަދެއްގެ ޞިއްޙީ ޚިދުމަތްތެރިންނަށްވަނީ ވެކްސިން ދީފައެވެ. އާންމުކޮށް ވެކްސިން ދޭން ފެށުމުގެ ގޮތުން ފުރަތަމަ ވެންސިން ދީފައިވަނީ ސަރަޙައްދީ ރޮނގުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށާއި އެ ޤައުމުގެ މެނޭޖްޑް އައިއޮލޭޝަން އެންޑް ކަރަންޓީން (އެމްއައިކިއު) މަރުކަޒުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.

ނިއުޒީލެންޑުގެ ޞިއްޙަތާއިބެހޭ ވަޒީރު އެޝްލީ ބްލޫމްފީލްޑް ވިދާޅުވީ އެ ޤައުމުގެ ކޯވިޑް ވެކްސިން މަޝްރޫޢުއަކީ ނިއުޒީލެންޑުގެ ތާރީޚުގައި ކުރިއަށްގެންދާ އެންމެ ބިޔަ ވެކްސިން މަޝްރޫޢުކަމަށެވެ. އެ މަޝްރޫޢުއަކީ ނިއުޒީލެންޑުގެ ރައްޔިތުން ކޯވިޑުން ރައްކާތެރިކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އޭނާ ވިދާޅުވިއެވެ.

ފަސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއުޒީލެންޑުގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ދީ ނިންމުމަށް އެއް އަހަރު ދުވަސް ހޭދަވާނެކަމަށް ބެލެވޭލަމަށް އެ ޤައުމުގެ ސަރުކާރުންވަނީ ބުނެފައެވެ.

ކޯވިޑް ފެތުރެން ފެށުމުން އެންމެ އެދެވޭ ފިޔަވަޅުތައް އަޅާ ބަލިފެތުރުން އެންމެ ރަނގަޅަށް ކޮންޓްރޯލްކޮށްފައިވާ 10 ޤައުމުގެ ތެރޭގައި ނިއުޒީލެންޑު ހިމެނެއެވެ. ނިއުޒީލެންޑުގައި މިހާތަނަށް 2،350 މީހުންނަށް ކޯވިޑް ޖެހި 26 މީހުންވަނީ އެބަލީގައި މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެތައް ހާސް ސާންޕަލެއް ކޯވިޑަށް ތަހުލީލުކޮށްފައިވީ ނަމަވެސް ބަލިޖެހިފައި ޖެހިފައިވާ އެއްވެސް މީހަކު އެ ޤައުމުން ފެނިފައެއް ނުވެއެވެ.