ދުނިޔެ

ކޯވިޑުން ސަލާމަތްވުމަށް ޖަރުމަނުން ޑަބްލިއުއެޗްއޯއަށް 1.5 ބިލިއަން ޔޫރޯ


ދުނިޔޭގެ ޤައުމުތަކަށް ކޯވިޑް-19 ވެކްސިން ހަމަހަމައަށް ފޯރުކޮށްދިނުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން އިސްވެ ފަށާފައިވާ ކޯވެކްސް މަޝްރޫޢާއި ކޯވިޑްއާގުޅޭ އެހެނިހެން މަޝްރޫޢުތަކަށް އިތުރު 1.5 ބިލިއަން ޔޫރޯ ޚަރަދުކުރާނެކަމަށް ޖަރުމަނުވިލާތުން ބުނެފިއެވެ.

ޖަރުމަނުވިލާތުގެ މާލީ ވަޒީރު އޯލަފް ޝޮލްޒް ވިދާޅުވީ ކޯވެކްސް މަޝްރޫޢުގެ ދަށުން ވެކްސިން ފޯރުކޮށްދިނުމަށާއި ބަލިމަޑުކަމާއި ދެކޮޅަށް މަސައްކަތްކުރުމަށް ޑަބްލިއުއެޗުއޯއިން ހިންގާ މަޝްރޫޢުތަކަށް އިތުރު 1.5 ބިލިއަން ޔޫރޯ ޚަރަދުކޮށް، އެ ޤައުމުގެ ފަރާތުން ޚަރަދުކުރާ ޖުމްލަ ޢަދަދު 2.1 ބިލިއަން ޔޫރޯއަށް އިތުރުކުރާނެކަމަށެވެ.

ޝޮލްޒް ވިދާޅުވީ ބަލިމަޑުކަމުގެ ޙާލަތުން އަރައިގަނެވޭނީ ވެކްސިންގެ ޒަރިއްޔާއިންކަމަށާއި، ޖަރުމަނުވިލާތުގެ އިތުރުން ދުނިޔޭގެ ހުރިހާ ސަރަޙައްދުތަކުގައި ވެސްވެކްސިންދޭ މިންވަރު އިތުރުކުރަންޖެހޭކަމަށެވެ. ޖަރުމަނުވިލާތަށްވެސް ބައްޔާއި ދެކޮޅަށް ރައްކާތެރިކަން ލިބޭނީ ދުނިޔޭގެ އެހެން ހުރިހާ ސަރަޙައްދެއްގައިވެސް ވެކްސިން ދެމުންދާނަމަކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝޮލްޒް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ ނާޒުކު ޙާލަތުގައި އެންމެ ފަޤީރު ޤައުމުތަކާއި އެކުގައި ޖަރުމަނުވިލާތް ވާކަމަށެވެ. އަދި ޖަރުމަނުވިލާތުން ދޭ އެހީތެރިކަން އިތުރުކުރުމުން ވެކްސިން، ބޭސް އަދި ތަހުލީލު ކިޓު ގަތުމަށް ޤާއިމްކޮށްފައިވާ ބައިނަލްއަގްވާމީ ފަންޑުގައި ހުރި ފައިސާގެ ޢަދަދު 30 އިންސައްތައިން އިތުރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިޤްތިޞާދު އޮންނަ ހަތް ޤައުމުކަމުގައިވާ ޖީ7 ޤައުމުތަކުގެ މެދުގައި ބާއްވާ ބައްދަލުވުމުގައި އެމެރިކާގެ ފަރާތުން ކޯވެކްސް މަޝްރޫޢަށް ދެ ބިލިއަން އެމެރިކާ ޑޮލަރު ހަދިޔާކުރާނެކަން އެ ޤައުމުގެ ރައީސް ޖޯ ބައިޑަން އިޢުލާނުކުރައްވާނެކަމަށް ވަނީ ބެލެވިފައެވެ. އެމެރިކާއިން ބުނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އިތުރު ދެ ބިލިއަން އެމެރިކާ ޑޮލަރު އެ ޤައުމުން ޚަރަދުކުރާނެކަމަށެވެ.