ޚަބަރު

ގދ. ގައްދޫގައި 50 ހައުސިންގ ޔުނިޓްގެ ބިންގާ އަޅައިފި


ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫގައި އިމާރާތްކުރާ 50 ހައުސިންގ ޔުނިޓްގެ ބިންގާ އަޅައި، ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު އިފްތިތާހްކޮށްފިއެވެ. މިދެމަޝްރޫއު އިފްތިތާޙުކޮށްދެއްވީ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ފޫކަން އަދި ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދެވެ.ޗައިނާގެ އެގްޒިމް ބޭންކުގެ ލޯން އެހީގެ ދަށުން ރާއްޖޭގައި 1500 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ދެކުނުގެ ހަތަރު އަތޮޅުގައި 796 ޔުނިޓް ތަރައްގިކުރުމަށް ހަމަޖެހިފައިވާއިރު ގައްދޫގައި 50 ހައުސިންގ ޔުނިޓް އިމާރާތްކުރާނެއެވެ.ގައްދުގައި ޒަމާނީ ބަނދަރެއް މިހާރު އޮތްނަމަވެސް ކުރިން ބޭނުންކުރި ބަނދަރު އިތުރަށް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ސަރުކާރާއި ރައްޔިތުންގެ ހިއްސާވާ ކުންފުނި އެމްޓީސީސީއާއެވެ. 700 ފޫޓް ދިގު އަދި 300 ފޫޓް ފުޅާ މިބަނދަރު 250 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މިދެ މަޝްރުއު އިފްތިތާޙުކުރުމަށް ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއީ ބޮޑު ދެމަޝްރޫޢު އެއްފަހަރާ ރަށެއްގައި ފެށިގެން ދިޔަ ފުރަތަމަ ފަހަރުކަމަށާއި، މިކަމުން ދައްކުވައިދެނީ ސަރުކާރުން އުމްރާނީ ތަރައްގީއަށް ދެއްވާ އަހަމިއްޔަތުކަމަށެވެ. ގައްދޫގައި އިމާރާތްކުރާ 50 ހައުސިންގ ޔުނިޓްގެ މަސައްކަތް އަންނަ އަހަރު ނިމުމުގެ ކުރިން ނިންމުމަށް ހަމަޖެހިފައިވެއެވެ.މިނިސްޓަރ މުއިއްޒު ވިދާޅުވީ، މިއީ ރަށުގެ ޒުވާނުންނަށާއި، އެހެނިހެން އުމުރުފާރާގެ އަދި ގެދޮރު ނެތިފައި ތިބި މީހުންނަށް ހުޅުޥާލެވޭ ފުރުސަތެއްކަމަށާއި، އަންނަ އަހަރު ނިމުމުގެ ކުރިން މިޔުނިޓްތަކަށް ވަދެވޭވަރުވާނެކަމަށް ޔަގީންކުރައްވާކަމަށެވެ. އަދި މިފެށިގެންދިޔަ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމޭއިރު އެރަށުގައި 1200 ފޫޓު ދިގު ބަނދަރެއް އޮންނާނެކަމަށާއި، މިއީ އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ރަށަށާއި އަތޮޅަށް ފަހިވެގެންދާ ފުރުސަތެއްކަމަށް ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރައީސް އަބްދުﷲ ޔާމިންގެ ސިޔާސަތުގައި ހިމެނޭ 10 ހާސް ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ކުރިއަށް ގެންދާ މަޝްރޫއަށް ޗައިނާ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެރުވިއެވެ. އަދި ރައީސް ޔާމީންގެ ޒައާމަތުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވަމުންދާކަން ފާހަގަކުރައްވާ ސަފީރުވަނީ ޗައިނާއިން ރާއްޖޭގެ ތަރައްޤީއަށް ކޮށްދެއްވަމުން ގެންދަވާ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، އެކުންފުނިން މިއަހަރު ރާއްޖޭގައި 85 މަޝްރޫއުއެއް ކުރިއަށް ގެންދާކަމަށާއި، އޭގެ ތެރެއިން 26 މަޝްރޫއެއް ނިމިފައިވާކަމަށެވެ. މިމަޝްރޫއުތަކަށް 2.6 ބިލިއަން ރުފިޔާ ޚަރަދުވާކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ބިން ހިއްކުމަށް ނެދަލޭންޑްސްއިން ބަނެގެން ގެންނަ ޑްރެޖަރު އަންނަ އަހަރު ލިބޭނެކަމަށާއި، މިއީ ތަރައްގީގެ މަޝްރޫއުތައް އިތުރަށް ހަލުވިވެ، ބޭރު ޤައުމުތަކުގައި އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ލިބޭ ފުރުސަތެއްކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހަދާ މިބަނދަރުގެ މަގު ޒަމާނީ ފެންވަރަށް ހަދާ، ގާއަތުރާ އަދި ބަނދަރުގެ މަގުގައި ބައްތި ޖެހުމަށް ހަމަޖެހިފައިވެއެވެ.މިރަސްމިއްޔާތުގައި ގައްދޫ ދާއިރާގެ މެމްބަރު އަޙުމަދު ރަޝީދުވެސް ވަނީ ސަރުކާރުން ގައްދޫ ދާއިރާގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތަކަށް ތަފްސީލްކޮށް އަލިއަޅުއްވާލައްވާފައެވެ.