މިމަހުގެ 15 އިން 28 އަށް އުޒްބަކިސްތާނުގައި ކުރިއަށްދާ 46 ވަނަ ޗެސް އޮލިމްޕިއާޑުގައި އަމާޒަކީ ކެޓަގަރީއިން ރަން މެޑައްޔެއް ހޯދުންކަމަށް ޤައުމީ ރާޒުވާ ޓީމުގެ ޒުވާން ކުޅުންތެރިޔާ މަރްޔަމް ލައިސާ ޢަބްދުއްރަޝީދް ބުނެފިއެވެ.
ޤައުމީ ޓީމާ ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއްގައި ލައިސާ ބުނީ މުބާރާތަށް ދުރާލާ ފަރިތަކުރަމުން އަންނަކަމަށެވެ. އަދި ތައްޔާރީތައް ދާގޮތާ މެދު ހިތްހަމަޖެހޭކަމަށާ މުބާރާތާ މިފަހަރު ކުރިމަތިލާނީ ﷲގެ ރަހްމަތްފުޅުން ރަން މެޑައްޔަކަށް އުންމީދުކޮށްގެންކަމަށެވެ.
"މިފަހަރުގެ ޓާގެޓަކީ އިންޝާﷲ ކެޓަގަރީން ގޯލްޑެއް ގެނައުން" ލައިސާ ބުންޏެވެ.
މީގެ ކުރިންވެސް ޗެސް އޮލިމްޕިއާޑުގައި ވާދަކޮށްފައިވާ އެތުލީޓު ބުނީ ކުރީ އަހަރުގެ ތަޖުރިބާއިންވެސް ކަންކަން ދަސްވިކަމަށެވެ. އެހެންކަމުން އެ ތަޖުރިބާއިން ލިބުނު ފިލާވަޅުތަކާއެކު މިއަހަރު މުބާރާތުގައި ރަނގަޅު ހިސާބަކަށް ދިއުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރާނެކަމަށެވެ. ލައިސާ ވަނީ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ފާއިތުވެދިޔަ މުބާރާތުގެ ތަޖުރިބާވެސް ހިއްސާކޮށްފައެވެ.
ރާޒުވާ އަކީ ވިސްނުން ބޭނުންކޮށްގެން، ކެތްތެރިކަމާއެކު ކުޅެވޭ ކުޅިވަރަކަށްވާއިރު، މިއީ ވަރަށް ގިނަ ވަގުތުވެސް ހޭދަވާ ކުޅިވަރެއްކަމަށް ލައިސާ ފާހަގަކުރިއެވެ. އެހެންކަމުން މި ކުޅިވަރުން ކުރިއަށްދިއުމަށް ކެތްތެރިވާން ދަސްކުރަންޖެހޭކަމަށާ މިއީ ނަފްސާނީގޮތުންވެސް މީހާ ހަމަޖެހިގެން ނޫނީ ނުކުޅެވޭނެ ކުޅިވަރެއްގެ ގޮތުގައި ލައިސާ ސިފަކުރިއެވެ. އެހެންކަމުން މިކަންކަމަށް ފޯކަސްކޮށް އިތުރު ކުރިއެރުންތައް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް ލައިސާ ބުންޏެވެ.
"އަޅުގަނޑުމެން އެންމެންނަކީ ކިޔަވަމުން، މަސައްކަތްކުރަމުން ދާ ކުދިންނަށް ވާތީ، ހުރިހާ ކަންކަމަށްފަހު ގެއަށް އާދެވޭއިރު ހުންނަނީ ވަރުބަލިވެފައި. އެހެންކަމުން ކުޅިވަރަށް ބޭނުންވާ ޑިސިޕްލިން އަށަގެންނެވުމަކީ ދިމާވާ ޗެލެންޖެއް" ލައިސާ ބުންޏެވެ.
46 ވަނަ ޗެސް އޮލިމްޕިއާޑުގައި ރާއްޖެއިން 10 ކުޅުންތެރިން ވާދަކުރެއެވެ. މިމުބާރާތުގައި މީގެ ކުރިން ވާދަކޮށް ޤައުމީ އެތުލީޓުންވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ.