ކުޅިވަރު

ސައުތުހެމްޓަން އާއި ޗެލްސީ ބައްދަލުކުރިމެޗް އެއްވަރު


އިންގްލިޝް ޕްރިމިއަރ ލީގުގައި ސައުތުހެމްޓަން އާއި ޗެލްސީ ބައްދަލުކުރިމެޗް އެއްވަރު ވެއްޖެއެވެ. ސައުތުހެމްޓަންގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ޗެލްސީންނެވެ. ނަމަވެސް ސައުތުހެމްޓަނުންވަނީ މިމެޗްގައި ވަރަށް ރަނގަޅަށް ޑިފެންޑްކޮށްފައެވެ. އަދި ޗެލްސީއިން ރަނގަޅަށް ކުޅެމުން ދަނިކޮށް ސައުތުހެމްޓަންއިންވަނީ މެޗްގެ 33 ވަނަ މިނެޓްގައި ލަނޑެއް ޖަހައި މިމެޗްގައި ލިޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ނަތާން ރެޑްމަންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޓަކޫމީ މިނަމީނޯއެވެ. މިމެޗްގައި ޗެލްސީއިން ޖެހި ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މޭސަން މައުންޓެވެ. މި ޕެނަލްޓީއަކީ ސަދެމްޓަންގެ ޕެނަލްޓީ އޭރިޔާ ތެރެއިން މައުންޓަށް ޑެނީ އިންގްސް ފައުލް ކުރުމުން ލިބުނު ޕެނަލްޓީއެކެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސައުތުހެމްޓަންގެ ކޯޗް ރަލްފް ހަސެންހުޓްލް ބުނީ ފަހަކަށް އައިސް އޭނާގެ ޓީމަށް ކުރިމަތިވަމުންދާ ނާކާމިޔާބީ ތަކާ ބަލާއިރު މިއީ މެޗަކުން މޮޅުވުން ފަދަ ނަތީޖާއެއް ކަމަށެވެ. އަދި ޗެލްސީ ކަހަލަ ވަރުގަދަ ޓީމަކާއި ކުޅެ އެއްވަރު ކުރެވުނީތީ ވަރަށް ހިތްހަމަ ޖެހިފައި ހުރިކަމަށްވެސް އޭނާ ބުންޏެވެ. އަދި މިނަތީޖާއާއެކު ކުރިއަށް ހުރި މެޗްތަކުގައި މިއަށްވުރެ ރަނގަޅު ނަތީޖާ ނެރެވޭތޯ ބަލާނެކަމަށްވެސް އޭނާ ހާމަކުރިއެވެ. ސައުތުހެމްޓަން އެންމެފަހުން ލީގުގައި ކުޅުނު ހަމެޗުންވެސް ވަނީ ބަލިވެފައެވެ.

މިއީ ޗެލްސީގެ ކޯޗު ކަމާއި ޖަރުމަނުވިލާތުގެ ތޯމަސް ޓުޗެލް ހަވާލުވިފަހުން މިހާތަނަށް މެޗެއްގައި އޭނާގެ ޓީމް ފަހަތަށް ދިޔަ ފުރަތަމަ ފަހަރެވެ. ޓުޗެލް ހާމަކުރިގޮތުގައި މިމެޗްގެ ބޮޑުބައި ކޮންޓްރޯލް ކުރީ އޭނާގެ ޓީމް ކަމަށާއި އަދި ގިނަ ހަމަލާ އުފައްދާފައިވަނީވެސް އޭނާގެ ޓީމް ކަމަށެވެ. ނަމަވެސް މިމެޗުގައި އޭނާގެ ކުޅުންތެރިންނަށް ލަނޑެއް ކާމިޔާބުކުރެވޭގޮތްވީ ޕެނަލްޓީއެއް ލިބިގެންކަމުން އޭނާގެ ޓީމަށް ދިމާވެފައިވާ މައްސަލަ ހާމަވެގެންދާ ކަމަށެވެ. އަދި މިއީ ރަނގަޅު ކުރަން ޖެހޭ ކަމެއް ކަމުގައި އޭނާ ހާމަކުރިއެވެ.
މިމެޗް އެއްވަރުވުމުން ޕޮއިންޓް ތާވަލްގެ ހަތަރު ވަނައިގައި ފައިހަރުކޮށްލަން ޗެލްސީއަށް ލިބުނު ފުރުސަތު މިވަނީ ބޭކާރުވެގެން ގޮސްފައެވެ. އެޓީމް ކުޅުނު 25 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު ފަސްވަނައިގާ އުޅޭ ވެސްޓް ހޭމް ޔުނައިޓެޑް މިރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެޓީމަށް ހަތަރުވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ. އަދި ސައުތުހެމްޓަންވަނީ 24 މެޗުން ލިބިފައިވާ 30 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައަށް ކުރިއަށް ޖެހިލާފައެވެ.