ކުޅިވަރު

މިލާންގެ ގަދަ ދެބާރުގެ ކުރިމަތިލުމަށް ގިނަ ބައެއްގެ ލޯހުއްޓިފަ


އިޓާލިއަން ސެރީއާގައި ވާދަކުރާ މިލާނަށް ނިސްބަތްވާ ގަދަ ދެބާރު ކަމަށްވާ އޭސީ މިލާނާއި އިންޓަރ މިލާން މިރޭ ބައްދަލުކުރާ މެޗަށް މިވަނީ އިޓާލިއަން ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބައެއްގެ ލޯ ހުއްޓިފައެވެ. މުޅި ޔޫރަޕަށް ބަލާއިރުވެސް ފާހަގަ ކޮށްލެވޭ އެއް ޑަރބީގެ ގޮތުގައި ބެލިފައިވާ މިލާން ޑަރބީއަށް މިފަހަރު ސަމާލުކަން ލިބޭ ގިނަ ސަބަބުތަކެއްވެސް އެބަހުއްޓެވެ. މިއީ އަހަރު ތަކަކަށްފަހު ލީގަށް ވާދަކުރާ ހާލަތެއްގައި ދެޓީމްވެސް އޮވެ މިދެޓީމް ކުރިމަތިލާ ފުރަތަމަ ކުރިމަތިލުމެވެ.

މިލާންގެ ސެންސީރޯ ގައި އޭސީ މިލާނާއި އިންޓަރ މިލާން މިރޭ ކުރިމަތިލާއިރު ވެގެންދާނީ 2011 ވަނަ އަހަރުގެ އެޕްރީލް މަހަށްފަހު ތާވަލްގެ އެއްވަނަ އާއި ދެވަނައިގައި މިދެޓީމް އޮވެ މިގޮތަަށް ކުރިމަތިލާ ފުރަތަމަ ކުރިމަތިލުމަށެވެ. 2010 – 2011 ވަނަ އަހަރުގެ ސީޒަން ވެގެން ދިޔައީ މިލާންގައި އޮތް ފުޓްބޯޅައިގެ ދެބާރުގައި އޭރުއޮތް ޖީލަށް ނިމުމެއް އައި ސީޒަނަކަށެވެ. އެފަހަރުގެ ސީޒަންގައި އޭސީ މިލާނުން ސްކުޑެއްޓޯ އުފުލާލިއިރު އިންޓަރ މިލާންވަނީ ކޮޕާ އިޓާލިއާ ކާމިޔާބުކޮށްފައެވެ. އަދި އެސީޒަނަށްފަހު މިދެ ޓީމަށް މިއިން އެއްވެސް ތަށްޓެއް މިހާ ތަނަކަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

2011 ވަނަ އަހަރަށްފަހު މިދެ ކްލަބަށްވެސްވަނީ މިވީތާނގާ ގިނަ ބަދަލުތަކެއް އައިސްފައެވެ. ދެ ކްލަބްގެ އޯނަރޝިޕް ތިން ފަހަރެއްގެ މަތިންވަނީ ބަދަލުވެފައެވެ. އަދި އޭސީ މިލާންގައި މި މުއްދަތުގެ ތެރޭގައި 9 ކޯޗުން ބަދަލުވެފައިވާއިރު އިންޓަރގައިވަނީ 12 ކޯޗުން ބަދަލުވެފައެވެ. އަދި މިދެ ކްލަބަށް ވަފާތެރި ސަޕޯޓަރުން ދެ ކްލަބްގެ ފަހަތުގައި ތިބި ނަމަވެސް އެސަޕޯޓަރުން އުންމީދު ކުރާވަރުގެ ކުޅުމެއް ދެ ކްލަބްގެ ކުޅުންތެރިންގެ ފަރާތުންވެސް ފެނިގެން ގޮސްފައެއް ނުވެއެވެ. ނަމަވެސް މިރޭގެ މެޗަށް ނިކުންނައިރު މިކަންތައްތައް މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އަނެއްކާވެސް މިލާންގެ ގަދަ ދެބާރުގެ އަޑު އިޓާލިއަން ފުޓްބޯޅައިގާ މިވަނީ ހަރު އަޑުން ގުގުމެން ފަށާފައެވެ. އިޓާލިއަން ސެރީއާގެ ޕޮއިންޓް ތާވަލަށް ބަލާލުމުން މިކަން ވަރަށް ރަނގަޅަށް ސާބިތުވެގެންދެއެވެ. އަދި މިގޮތުން މިވަގުތު ޕޮއިންޓް ތާވަލްގެ އެއްވަނައިގާ އިންޓަރ މިލާން އޮތް އިރު އެއް ޕޮއިންޓް ފަހަތުން ދެވަނައިގާ ވިއްދާފައިވަނީ އޭސީ މިލާނެވެ. އަދި މިދެޓީމުން މިސީޒަންގައި ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން އަހަރު ތަކަކަށްފަހު އިޓާލިއަން ސެރީއާގެ ތަށި އަނެއްކާވެސް މިލާނަށް އަންނާނެކަން ގާތްގަޑަކަށް ގިނަ ބަޔަކަށް މިވަނީ ޔަގީނާ ގާތަށް ގޮސްފައެވެ. ނަމަވެސް ޔަގީން ނުވާ ކަމަކީ ސީޒަން ނިމޭއިރު މިތަށި އުފުލާލާނީ މިލާންގެ މިދެ ކްލަބްގެ ތެރެއިން ކޮން ކްލަބަކުންތޯއެވެ. އޭސީ މިލާނާއި އިންޓަރ މިލާންގެ ސަޕޯޓަރުންގެ މެދުގައި އަބަދުވެސް ވާދަވެރިކަން އޮތް ނަމަވެސް މިދެންނެވި ސަބަބު ތަކަށްޓަކައި މިރޭގެ މެޗަށް ނިކުންނައިރު މިދެޓީމްގެ ސަޕޯޓަރުންގެ މެދުގައި އޮތް ވާދަވެރިކަންވެސް މިވަނީ އިތުރަށް ގަދަވެގެން ގޮސްފައެވެ.

މިރޭގެ މެޗަށް ނިކުންނައިރު އޭސީ މިލާނާއި އިންޓަރ މިލާންގެ މެދުގައި މާބޮޑު ފަރަގެއް ފެއްނާކަށް ނެތެވެ. މިސީޒަންގައި މިހާތަނަށް މިދެ ޓީމް ދެފަހަރު ބައްދަލުކޮށްފައިވާއިރު ލީގުގައި ބައްދަލުކުރިމެޗް 2 ލަނޑު އެއްލަނޑުން އޭސީ މިލާން ކާމިޔާބުކޮށްފައިވާއިރު ކޮޕާ އިޓާލިއާގައި ވަރަށް ފަހުން ބައްދަލުކުރިމެޗް 2 ލަނޑު އެއް ލަނޑުން ކާމިޔާބުކުރީ އިންޓަރއެވެ. އަދި އޭސީ މިލާންގެ ތަޖްރިބާކާރު ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗާއި އިންޓަރގެ އިތުބާރު ފޯވަޑް ރޮމެލޫ ލުކާކޫގެ ދެކުޅުންތެރިން ފުރަތަމަ މެޗްގައި ލަނޑުތައް ޖަހާދިން އިރު ދެވަނަ މެޗްގައި މިދެކުޅުންތެރިންގެ މެދުގައި ހިނގާދިޔަ ކުރިމަތިލުމުގެ ވަރުގަދަކަމުން އިޓަލީވިލާތުގެ ފުޓްބޯޅަ ފެޑެރޭޝަނުންވަނީ އެކަން ހިނގާދިޔަގޮތް ސާފުކުރަންވެސް ފަށްޓާފައެވެ. މިދެކުޅުންތެރިންނަކީ މިދެޓީމްގައި އެންމެ ފާހަގަކޮށްލެވޭ އަދި ދެޓީމުންވެސް އެންމެ ބޮޑަށް އިތުބާރު ކުރާ ދެކުޅުންތެރިންނެވެ. ލުކާކޫ އިންޓަރއަށް މިފަހަރު ލީގުގައި 16 ލަނޑު ޖަހާދީފައިވާއިރު އިބްރަހިމޮވިޗްވަނީ އޭސީ މިލާނަށް 14 ލަނޑު ޖަހައިދީފައެވެ. އެހެންކަމުން މިދެ ކުޅުންތެރިންގެ ވާދަވެރިކަމުގެ ސަބަބުންވެސް މިރޭގެ މެޗް އިތުރަށް ފޯރި ގަދަވެގެންދާނެއެވެ. 2010 ވަނަ އަހަރަށްފަހު އިންޓަރއަށް ލީގު ތަށި ކާމިޔާބު ކުރެވިފައި ނުވާއިރު 2011 ވަނަ އަހަރުގެ ފަހުން އޭސީ މިލާނަށްވެސް މިތަށި ކާމިޔާބު ކުރެވޭގޮތްވަނީ ނުވެފައެވެ. އެހެންކަމުން މިދެ ކްލަބުންވެސްވަނީ ލީގު ތަށި ކާމިޔާބު ކުރުމަށް ފެން ބޮވައިގަނެފައެވެ. މިމެޗް އިންޓަރ އިން ކާމިޔާބުކޮށްފިނަމަ އެޓީމަށް ޕޮއިންޓް ތާވަލްގައި 4 ޕޮއިންޓްގެ ލީޑެއް ލިބިގެންދާނެއެވެ. އަދި އޭސީ މިލާނުން ކާމިޔާބުކޮށްފިނަމަ އެޓީމުން އިންޓަރ ފަހަތަށް ޖައްސާލާ ތާވަލްގެ އެއްވަނައަށް އަނެއްކާވެސް އަރާނެއެވެ. އެހެންކަމުން މިރޭގެ މި ކުރިމަތިލުމަކީ ފަހުގެ ތާރީހެއްގައި ކުޅެވޭ އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި މިލާން ޑަރބީއަށް ވެގެންދާނެއެވެ. ނަަމަވެސް ފުރިހަމަ ނުވާ އޮތް ހަމައެކަނި ކަމަކަށް އޮންނާނީ ދެޓީމް ކުޅޭތަން ހަމަލޮލުން ދެކުމަށް ކެތްމަދުވެފައި ތިބި ސަޕޯޓަރުންނާއި ނުލާ މިމެޗް ކުޅެން ޖެހުމެވެ. މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖޭ ގަޑިން ހަތެއް ޖަހާއިރުއެވެ.