ސްރީލަންކާގެ މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީ ސަރަތު ވީރަސޭކަރާއި، ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އުމަރު އަބްދުއްރައްޒާޤު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުމުގައި ދިވެހިރާއްޖެ އާއި ސްރީލަންކާގެ މެދުގައި އޮންނަ ޒަމާންވީ ގުޅުމާބެހޭ ގޮތުން މަޝްވަރާކުރައްވައި، އެ ގުޅުން މުސްތަޤުބަލުގައި އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.
މީގެއިތުރުން ކޯވިޑް 19 އާ ގުޅިގެން ދެ ޤައުމަށްވެސް ކުރަމުންދާ އަސަރުތަކާއި އަދި ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާއި އޭގެ ސަބަބުން ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ދިވެހި ސަފީރުގެ ވާހަކަފުޅުގައި އަބަދުވެސް ސްރީލަންކާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވާ ވަކިން ޚާއްޞަކޮށް ކޮވިޑާއި ގުޅިގެން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.
ސްރީލަންކާގައި އަލަށް އުފެދުނު މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ދަށުގައި ހިމެނޭ، ފުލުހުންގެ ޑިޕާޓްމަންޓާއި، މަދަނީ ސަލާމަތާބެހޭ އިދާރާއާއި، ފުލުހުންގެ ޓްރެއިނިން ކޮލެޖާއި ތަރައްޤީގެ ޓާސްކްފޯސްގެ ދަށުން ދިވެހިންނަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވާ އެކަންކަމަށްވެސް ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާޤު ވަނީ ލަންކާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.