ޚަބަރު

އިންޑިއާ - ރާއްޖެ: 5 ދާއިރާކުން އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފި


ފަސް ދާއިރާއަކުން އިންޑިއާއިން ދިވެހިރާއްޖެއަށް އެހީތެރިކަން ދިނުމާގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތައް ޤާއިމުކޮށްފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ރާއްޖެއާއި އިންޑިއާދެމެދު 5 ދާއިރާއަކުން އެހީވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެހީތެރިކަންދޭ ދާއިރާތަކާގުޅޭ ވަޒީރުންނާ ކަމާގުޅޭ ފަރާތްތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިންޑިއާއިން ދިން އެހީތެރިކަމުގެ ތެރޭގައި އިންޑިއާ ލައިން އޮފް ކްރެޑިޓްގެދަށުން މާލީ އެހީ ދިނުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޖެނެރަލް މެނޭޖަރ އޮފް އެކްސްޕޯޓް އިންޕޯޓް ބޭންކް އޮފް އިންޑިއާ ޝްރީ ގޯރަވް ސިންގް މަންދާރީއެވެ.

ރާއްޖޭއަށް ބޯހިޔާވަހިކަމުގެ ދާއިރާއިން އެހީތެރިކަން ދިނުމުގެ އެއްބަސްވުމުގަ ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސަލްފިއާ އަންވަރެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާގެ ޖެނެރަލް މެނޭޖަރ ޝިލްޕާ ވަގބާރީއެވެ.

ސަސްޓެއިނަބަލް އަރބަން ޑިވެލޮޕްމަންޓްގެ ދާއިރާއިން އެހީވުމާ ގުޅޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ނަޝީދެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއަން ހައިކޮމިޝަނަރ ސަންޖޭ ސުދީރެވެ.

އިންޑިއާއިންވަނީ ނ.ކެނދިކުޅުދޫގައި ގޭދޮށު މަސްޕްލާންޓް ހެދުމަށްވެސް އެހީތެރިކަން ދިނުމަށް އެއްބަސްވެފައެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދުއެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ސަންޖޭ ސުދީރުއެވެ.

ބްރޮޑްކާސްޓިންގެ ދާއިރާ އިތުރަށް ކުރިއެރުވުމާގުޅޭ އެއްބަސްވުމެއްގައި ޕީއެސްއެމްއާ އިންޑިއާގެ ޕްރަސާރް ބާރްތީ އޮފް އިންޑިއާއާދެމެދުވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއަން ހައިކޮމިޝަނަރ ސަންޖޭ ސުދީރެވެ. މިއެެއްބަސްވުމުގައި ސޮއިކުރި ޕްރަސާރް ބާރްތީ އޮފް އިންޑިއާއަކީ އިންޑިއާގެ މަޝްހޫރު އޯލް އިންޑިއާ ރޭޑިއޭއާއި ދޫރުދާޝަންގެ ބަލަދުވެރި ފަރާތެވެ.

މިރަސްމިއްޔާތުގައިވަނީ އިންޑިއާއިން ރާއްޖެއަށް އިތުރު 100000ޑޯޒްގެ ވެކްސިން ދިނުމުގެ ރަމްޒީ އެހީވެސް ހަވާލުކޮށްފައެވެ. މި އެހީ ރާއްޖެއާ ހަވާލުކޮށްދެއްވީ އިންޑިއާގެ ފޮރިން އެފެއާޒް މިނިސްޓަރ ޑރ.އެސް. ޖައިޝަންކަރެވެ. އަދި ރާއްޖެއިން އެހީއާ ޙަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމެވެ.

އިންޑިއާއިންދަނީ ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫޢުތަކަށް މާލީ އެހީ ދިނުމާއި ރަށު ފެންވަރުގައި އިޖްތީމާއީ ގިނަ ޕްރޮޖެކްޓްތައް ހިންގުމަށްވެސްދަނީ އެހީތެރިކަންވެދެމުންނެވެ.