ސިޔާސީ

ރައީސްއާއި ވަޒީރުންގެ ގުޅުމަށް އިތުރު ބަދަހިކަމެއް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ހަމަލާއަށްފަހު ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށް ޔޫތު މިނިސްޓަރ އަހުމަދު ޒުހޫރު ވިދާޅުވެއްޖެއެވެ. ޔޫތު މިނިސްޓަރ މިހެން ވިދާޅުވީ ޕީއެސްއެމްގެ ޓީވީއެމުން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ހަމަލާއަކީ ދެވުނު ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވަމުން ޔޫތު މިނިސްޓަރ އަހުމަދު ޒުހޫރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް އެބޭފުޅާގެ ޒިންމާ އަދާނުކުރެވޭކަން ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރިނަމަވެސް ކަމުގެ ހަޤީޤަތް ވަރަށް ސާފުކޮށް ފެންނަން އެބައޮތްކަމުގައެވެ. އެގޮތުން ގައުމުގެ ރައީސް އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދީފައިވާ މިފަދަ ދަނޑިވަޅެއްގައިވެސް، ޤައުމުގެ ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް މެދުނުކެނޑި ލިބެމުންދާކަމަށާއި، ހަމައެކާއިއެކު ޤައުމުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްވުރެ ހަލުވި ސްޕީޑެއްގައި ކުރިއަށްދާކަމަށް ވިދާޅުވިއެވެ. ސަރުކާރުން މިހާރު ފަށްޓަވާފައިވާ ހުރިހާ ޕްރޮޖެކްޓެއްގެ މަސައްކަތްވެސް ކުރިއަށްވުރެ ހަލުވިކަމާއިއެކު މިހާރު ކުރިއަށްދާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިކަމުގެ އަސްލަކީ ރައީސްއާއި ވަޒީރުންނާ އޮތް އިތުރަށް ހަރުދަނާވެ ބަދަހިވެފައިވުން ކަމަށެވެ. ޤައުމުގައި މިހާބޮޑު ހާދިސާއެއް ހިނގައިގެން އުޅޭއިރުވެސް ބައެއް ފަރާތްތަކުން މިކަން ތަޙުޤީޤުކޮށް މިކަމުގައި ޝާމިލްވާ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނެއުމުގެ ބަދަލުގައި ސިޔާސީ ބައެއް އެދުންތައް ފުއްދުމަށް ކުރަމުންދާ މަސައްކަތްތަކަކީ ޒިންމާދާރުކަން ކުޑަ ކަންތައްތަކެއްގެ ގޮތުގައި ޒުހޫރު ފާހަގަކުރެއްވިއެވެ. ޒުހޫރު ވިދާޅުވީ މިއަދު މިޤައުމުގައި ދިމާވެގެން މިއުޅޭ ހާދިސާއަކީ ވަކި ޕާޓީއަކަށް، ވަކި ފަރުދަކަށް ދިމާވެފައިވާ ހާދިސާއެއްގެ ގޮތުގައި ދެކެވިގެން ނުވާނެކަމުގައެވެ. މިކަމަކީ ސީދާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދެވުނު ހަމަލާއެއްކަމަށާއި، މިހަމަލާއަކީ ޤައުމުގެ އިޤްތިސާދާ، ކުރިއަރަމުން އައި ދިވެހިރާއްޖެ މަޑުޖައްސާލުމަށް ދިން ހަމަލާއަކަށް ވާއިރު ހުރިހާ ރައްޔިތުންވެސް މިކަމާއި ކަންބޮޑުވާނެކަމުގައި ވިދާޅުވިއެވެ. ނަމަވެސް މިފަދަ ބޮޑު ހަމަލާއެއް ދީގެން އުޅޭއިރުވެސް ޤައުމުގެ ތަރައްޤީގެ ދުވެލި މަޑުނުޖެހި ޤައުމުގެ އިޤްތިސާދުވެސް ބާރު ސްޕީޑްގައި ދަނީ ކުރިއަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޔޫތު މިނިސްޓްރީން ކުރިއަށް ގެންދަވާ ޒުވާނުންނާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ ޒުވާނުންގެ ތަރައްޤީއަށް ކުރެވެމުންދާ ހުރިހާ މަސައްކަތްތަކެއްވެސް ބާރަށް ކުރިއަށް ދާކަމުގައެވެ.