ޚަބަރު

ވެކްސިންއާއެކުވެސް ރައްކާތެރިކަން އޮތީ މާސްކްއަޅައި ގައިދުރުކޮށްގެން


ކޯވިޑް-19އިން އަރައިގަތުމަށް ވެކްސިންއަކީ މިވަގުތު އޮތް ހަމައެކަނި އުއްމީދެވެ. އެހެންނަމަވެސް އަދިވެސް މިނުރައްކާތެރި ބަލިން އަރައިގަތުމަށް ފަރުދީގޮތުންނާއި މުޖުތަމަޢުގެ ފެންވަރުގައި އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅަކީ ޢާއްމު ސާފުތާހިރުކަމަށް ސަމާލުކަންދިނުމެވެ. ވެކްސިން ނުފޯރާ ހިސާބުތަކަށާއި ވެކްސިންގެ ފުރަތަމަ ޑޯޒް ލިބުނު މީހުންނަށްވެސް ބަލިޖެހުމުން 100 އިންސައްތަ ޔަގީންކުރެވޭނީ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކުންނެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް މިވަގުތު މުޅި ދުނިޔެއިންވެސް ހަތިޔާރަކަށް ބޭނުންކުރަމުން އަންނަނީ ވެކްސިންއެވެ. އެހެންނަމަވެސް ވެކްސިންއިން ރައްކާތެރިކަން ކަށަވަރުކުރުމަށް ވަގުތު ބޭނުންވެއެވެ. މުޅި ދުނިޔޭގެ އާބާދީ 7.7 ބިލިއަނަށް އަރާއިރު އެނެލެޓިކަލް މަޢުލޫމާތު އެއްކޮށް ރިޕޯޓުކުރާ ބްލޫމްބަރގްގެ ވެކްސިން ޓްރެކަރ އިން ދައްކަނީ މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވަނީ 87 ޤައުމަކުން 199 މިލިއަން މީހުންކަމަށެވެ. އަދި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6.50 މިލިއަން މީހުންނަށް ވެކްސިން ދީފައިވާކަމަށް މިޓްރެކަރއިން ދައްކައެވެ. އެހެންކަމުން މިނިސްބަތުން ވެކްސިންދޭނަމަ މިބަލިމަޑުކަމުން އަރައިގަތުމަށް އާބާދީގެ 75 އިންސައްތައަށް ވެކްސިންގެ ދެޑޯޒް ދިނުމަށް 4.8 އަހަރުގެ މުއްދަތެއް ނަގާނެކަމަށް ބްލޫމްބަރގްއިން ލަފާކުރެއެވެ. އާބާދީގެ ކޮންމެ ސަތޭކަ މީހަކުން ވެކްސިން ދެވުނު ނިސްބަތަށް ބަލާއިރު 17.22 އިންސައްތައާއެކު ރާއްޖެ އުޅެނީ 7 ވަނައިގައެވެ. އެއީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6359 ޑޮޒްގެ ވެކްސިން ކަމަށް ބްލޫމްބަރގްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.


މިއާއެކު އެނގި ކަށަވަރުވާ އެއްކަމަކީ މިބަލިން އެއްކޮށް އަރައިގަނެވޭނީ އަދިވެސް ޢާއްމު ސާފުތާހިރުކަމަށް ދޭ އިސްކަމަކުންކަމެވެ. އެހެންކަމުން ބަލިން އަރައިގަތުމަށް ސިއްޙީ ދާއިރާއިން ދެމުންގެންދަވާ ޢާއްމު އިރުޝާދުތަކަކީ އަދިވެސް އޮތް އެންމެ ވަރުގަދަ ހަތިޔާރެވެ. އެގޮތުން މާސްކު އެޅުމަށް އަދިވެސް އިސްކަންދޭންވީއެވެ. މާސްކު ރައްކާތެރިގޮތުގައި އެޅުމަށާއި ރައްކާތެރިކަމާއެކު ނައްތާލުމަށް ސަމާލުވާންވީއެވެ. ގައިދުރުކުރުމަށް އިސްކަންދޭންވީއެވެ. ވީހާވެސް ބޮޑަކަށް މީހުން އެއްވެ އުޅުމުގައި މަސްހުނިވެ އުޅުމާ ދުރުހެލިވާންވީއެވެ. މިއީ ފިޔަވަޅު އަޅައިގެން ކަމާބެހޭ ފަރާތްތަކުން ގަދަބާރުން ކުރާ ކަމެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި އަމިއްލައަށް ރައްކަލަކަށް ކުރަންވީ ކަމަކަށް ހަދަންވީއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ހާމަކުރައްވާ ގޮތުގައި އާބާދީގެ 75 އިންސައްތައަށް ވެކްސިން މިހާތަނަށް ދެވުނީ އެންމެ 10 ޤައުމެއްގައެވެ. އަދި ވެކްސިންގެ އެންމެ ޑޯޒެއްވެސް ނުލިބޭ 130 ޤައުމެއް އަދިވެސް އެބައޮތެވެ. އެހެންކަމުން ވެކްސިންއާއެކުވެސް ބަލިން އަރައިގަތުމުގައި ބޮޑެތި ގޮންޖެހުން އެބަހުއްޓެވެ. މުޅި ދުނިޔެއަށް އެކުގައި މިބަލިން އަރައިނުގަނެވޭނަމަ ބަލީގެ އިތުރު ވޭރިއެންޓްތައް އުފެދި މިހާރު ހޯދިފައިވާ ވެކްސިންއަށް ވައިރަސް ނުގުޑާ ހިސާބަށް ދިޔުމުގެ ބިރުއެބައޮތެވެ. އެހެންކަމުން އޮތް ހައްލަކީ ބަލީގެ ނުރައްކާ ވަކިވަކި މުޖުތަމަޢުތަކުގައި ކުޑަކުރެވޭނެ ގޮތަށް ދިރިއުޅުމުގެ އާދަކާދައަށް އަހުލުވެރިވެ ބައިނަލްއަޤުވާމީ ގޮތުން އެޅޭ އެންމެ ވަރުގަދަ ފިޔަވަޅެއްގެ ގޮތުން ހުރިހާ ޤައުމަކަށް ހަމަހަމަކަމާއެކު ވެކްސިން ލިބިގެންދިޔުމެވެ. ސަރުކާރުތަކުން އެންމެ މަތީ ލެވެލްގައި މަސައްކަތްކުރާއިރު ޢާއްމުނަށް އަދާކުރެވޭނެ އެންމެ ބޮޑު އަދި އެންމެ މުހިއްމު ދައުރަކީ މުޖުތަމަޢުގައި ބަލި ފެތުރޭ ނިސްބަތް މަދުކުރުމެވެ