ކުޅިވަރު

ވުލްވަރހެމްޓަން ވޮންޑަރަރސް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ވުލްވްސް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ވުލްވަރހެމްޓަން ވޮންޑަރަރސް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ވުލްވްސް ކާމިޔާބުކޮށްފިއެވެ. ވުލްވްސްގެ ދަނޑުގައި ކުޅުނު މިމެޗް ވުލްވްސް ކާމިޔާބުކުރީ އެއް ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލީޑްސްއެވެ. މިމެޗްގައި ވުލްވްސް އިން ޖެހި ހަމައެކަނި ލަނޑަކީ މެޗްގެ 64 ވަނަ މިނެޓްގައި ވުލްވްސްގެ އަޑަމާ ޓްރައޯރޭ ވަރަށް ދުރުން ގޯލަށް ފޮނުވާލި ހަމަލާއެއް ހުރަސް ދަނޑީގައި ޖެހިފައި ނިކުން ވަގުތު ލީޑްސްގެ ކީޕަރ އިލާން މެސްލިއަރ ގައިގަ ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. މިމެޗް ނިމެން އުޅެނިކޮށް ލީޑްސްގެ ޕެޓްރިކް ބެމްފަޑް ޖެހި ލަނޑެއް ވަނީ އޮފްސައިޑް ކަމަށް ދައްކާފައެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިޑްސް އާއި ވުލްވްސްއަށް ލިބިގެން ގޮސްފައިވެއެވެ.

މިފަހަރު ލީގުގައި މާ ރަނގަޅު ނަތީޖާ ތަކެއް ނެރެވެމުންނުދާ ވުލްވްސްއަށް ފަހަކަށް އައިސް ވަނީ ކޮންމެވެސް ވަރަކަށް ނަތީޖާތައް ރަނގަޅުވާން ފަށާފައެވެ. އަދި މިމަހުގެ ކުރީކޮޅު އާސެނަލް އަތުން މޮޅުވިފަހުން އަދި ލީގުގައި އެޓީމް ބަލިވެފައެއް ނުވެއެވެ. މިކާމިޔާބީއާއެކު ވުލްވްސް މިހާރު އުޅެނީ ކުޅުނު 25 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކު ލީޑްސް ފަހަތަށް ޖައްސާލާ ތާވަލްގެ 11 ވަނައަށް ކުރިއަށް ޖެހިލާފައެވެ. ލީޑްސް މިހާރު އުޅެނީ ކުޅުނު 24 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ.