ޚަބަރު

ގދ. ވާދޫގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި


ސަޢުދީ އަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އަލްސައޫދުގެ ހިލޭ އެހީގެ ދަށުން ހުވަދުއަތޮޅު ދެކުނުބުރީ ވާދޫގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.ވާދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވާދެއްވީ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުއާއި، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަލީ ވަހީދުގެ އިތުރުން ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އަދި ވާދޫ ކައުންސިލުގެ ރައީސް އަޙުމަދު އަބްދުލްކަރީމެވެ.ސައުދީ ރަސްގެފާނުގެ ހިލޭ އެހީގެ ދަށުން ގދ. ވާދޫގައި އިމާރާތްކުރާ މި މިސްކިތަކީ ސައުދީގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރާ ދިހަ މިސްކިތުގެ ތެރެއިން ފުރަތަމަ މިސްކިތެވެ. 700 މީހުންގެ ޖާގައިގެ މިސްކިތް އިމާރާތްކުރުމަށް 7.5 މިލިއަން ރުފިޔާ ޚަރަދުވެއެވެ. މިސްކިތުގެ ބިންގާ އަޅުއްވާ ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، މިމިސްކިތް ވާދޫގައި އެޅުމަށް ފަހިވެގެން މިދިޔައީ ރައީސް އަބްދުﷲ ޔާމީން، އެރަށަށާއި އަތޮޅުގެ ތަރައްގީއަށް ދެއްވާ އަހަމިއްޔަތުގެ ސަބަބުންކަމަށެވެ.  ރައީސް ޔާމީންގެ ސަރުކާރުގައި ވޭތުވެދިޔަ ގާތްގަނޑަކަށް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ރޮނގަކުންވެސް ތަރައްގީ ގެނެސްދެއްވާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ މުއިއްޒު ވިދާޅުވީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ބޭރުގެ އަރަބި ގައމުތަކާއެކު ޚާރިޖީ ގުޅުން ބަދަހި ކުރެއްވުމަށް ރައީސް ޔާމީން ވަރަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން އިސްރާއީލާއި އެކު އޮތް ގުޅުން ދުރުކޮށް، ފަލަސްތީނާއެކު ގުޅުން ބަދަހިކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ މުއިއްޒު ވަނީ ވާދޫއަށް ވަޑައިގަތުމުގެ ކުރިން އެއަތޮޅު ރަތަފަންދޫއަށާއި، ފިޔޯރީއަށް ވަޑައިގެން އެރަށްރަށުގެ ގިރާ ސަރަހައްދާއި، އުދަ އަރާ ސަރަހައްދު ބައްލަވާލައްވައި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. އަދި އެރަށްރަށުގެ ޒުވާނުންނާވެސް ބައްދަލުކުރެއްވިއެވެ.