ވިޔަފާރި

ފޯބްސްގެ އެންމެ ރީތި "އިންސްޓަގްރާމް ފީޑް" އިތާފުށި


ފޯބްސްއިން ހޮވި އަހަރުގެ "ހޮޓެލް އިންސްޓަގްރާމް އޮފް ދި އިޔާ" އިތާ ފުއްޓަށް ލިބިއްޖެއެވެ. އިތާފުށި ރިސޯޓަކީ މަޝްހޫރު ހިލްޓަން ބްރޭންޑުގެ ދަށުން ހިންގާ ލަގްޒަރީ ރިސޯޓް ބްރޭންޑެއްކަމަށްވާ ވޮލްޑޯފް އެސްޓޯރިއާއިން ތަރައްޤީކުރި ރިސޯޓެކެވެ.

މާލެ އަތޮޅުގައި ތަރައްޤީކޮށްފައިވާ "ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި" ރިސޯޓު ހުޅުވާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ފޯބްސްއިން ހޮވި މި އަހަރުގެ އެންމެ ފުރިހަމަ އިންސްޓަގްރާމް އެކައުންޓެއް ހިންގާ ހޮޓަލަކަށް ދޭ " ހޮޓެލް އިންސްޓަގްރާމް އޮފް ދި އިޔާ" އެވޯޑް އިތާފުއްޓަށް ލިބުނީ އެ ރިސޯޓްގެ އިންސްޓަގްރާމް އެކްއުންޓްގައި ހިއްސާކޮށްފައިވާ ފޮޓޯތަކުގެ ރީތިކަމުގެ ސަބަބުންކަމަށް ފޯބްސްއިން ބުނެއެވެ.

އޭގެތެރޭގައި އެ ރިސޯޓްގައި ތަރައްޤީކޮށްފައިވާ ޓްރީޓޮޕް ރެސްޓޯރަންޓާއި، އޯވަރ ވޯޓަރ ވިލާތަކާއި، އިރުއަރާ އަދި އިރުއޮއްސޭ ރީތި މަންޒަރުތަކާއި، މޫދުގެ ހިތްގައިމު ފޮޓޯތައް ފޯބްސް މަޖައްލާއިން ވަނީ ފާހަގަކޮށްފައެވެ.

އިތާފުށި ރިސޯޓަށް މި އެވޯޑް ލިބިފައިވަނީ ދުނިޔޭގެ މަޤްބޫލް 5 ތަނަކާއި ވާދަކޮށްގެންނެވެ. ފޯބްސް މަޖައްލާއިން ވަނީ ކިޔުންތެރިންނާއި އަދި އެ މަޖައްލާގެ ފޮލޯވަރުންނަށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލާފައެވެ. ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލުމުން 1000 އަށްވުރެ ގިނަ މީހުން ވޯޓު ދީފައިވަނީ އިތާފުށި ރިސޯޓަށެވެ.

ފަޅު ހިއްކައިގެން ތިން ރަށް ގުޅުވާލައިގެން ތަރައްޤީކޮށްފައިވާ އިތާފުށި ރިސޯޓްގައި 122 ކޮޓަރި ހުރެއެވެ. މީގެތެރޭގައި އޯވަރ ވޯޓަރ ވިލާއާއި ރީފް ވިލާ އަދި ބީޗް ވިލާ ހިމެނޭއިރު، ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ހިމެނެއެވެ. ރީފް ބީޗް އަދި ވޯޓަރ ވިލާތަކުގައި މޫދާއި ގުޅިފައިވާ ގުދުރަތީ ޕޫލަކާއި ސްވިންގިން ބެޑެއް ހިމެނެއެވެ.

މީގެކުރިންވެސް ރާއްޖެއާއި ރާއްޖޭގެ ބައެއް ރިސޯޓްތަކަށްވަނީ ދުނިޔޭގެ މަޝަހޫރު މަޖައްލާތަކުން ހޮވި އިންސްޓަގްރާމްކުރަން އެންމެ މަޤްބޫލު މަންޒިލްގެ އެވޯޑް ލިބިފައެވެ. އެގޮތުން ސައިކިކް ވޯލްޑްގެ އިންސްޓަރގްރާމް ކޮށްލަން އެންމެ ކަމުދާ މަންޒިލްތަކުގެ ލިސްޓުގެ 2 ވަނައިގައި މިދިޔަ އަހަރު ރާއްޖެ ހިމެނުނެވެ.

ބައިނަލްއަޤްވާމީ އޮންލައިން ޓްރެވަލް މަޖައްލާއެއްކަމަށްވާ ބިގް ސެވަން ޓްރެވެލުން އާއްމުކުރި އިންސްޓަގްރާމްކުރުމަށް އެންމެ މަޤްބޫލް 10 ޤައުމުތަކުގެ ލިސްޓުގެ 6 ވަނައިގައިވެސް ރާއްޖެ މީގެކުރިން ވަނީ ހިމެނިފައެވެ. އަދި މަޝްހޫރު ޓީވީ ނެޓްވޯކް، ސީ.އެން.އެން އިން ހޮވި އިންސްޓަގްރާމްކުރަން އެންމެ މަޤްބޫލް ހޮޓާ، ރިސޯޓްތަކުގެ ތެރޭގައި ރާއްޖޭގެ ސޮނެވާ ޖާނީ 2019 ވަނަ އަހަރު ވަނީ ހިމެނިފައެވެ.

ފޯބްސްއިން ހޮވި "ހޮޓެލް އިންސްޓަގްރާމް އޮފް ދި އިޔާ" ގެ އެވޯޑްގެ އިތުރުން ފޯބްސް ޓްރެވެލް ގައިޑް ސްޓާ އެވޯޑްގެ ގިނަ އެވޯޑްތަކެއްވެސް ވަނީ ރާއްޖޭގެ ރިސޯޓްތަކުން ހޯދާފައެވެ. އެގޮތުން ސްޓާ އެވޯޑް ރާއްޖޭގެ 14 ރިސޯޓަކުން ވަނީ ލިބިފައެވެ.