ކިޔަވަން ދިޔުމުގެ ކުރިން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރުމަށް ބޭނުންވެ މިހާތަނަށް 200 ވުރެ ގިނަ ދަރިވަރުން ރަޖިސްޓްރީކޮށްފިއެވެ. ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް ވެކްސިން ޖެހޭނެ އިންތިޒާމުތައް ހަމަޖައްސާ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް ވެކްސިން ޖެހޭނެ ގޮތް ހެލްތް މިނިސްޓްރީން މިހާރު ހަމަޖައްސަވާދެއްވާފައިވާކަމަށެވެ. އަދި ވެކްސިން ޖަހަން ރަޖިސްޓްރީކުރި ދަރިވަރުންނަށް އެޗްޕީއޭއިން ގުޅާ ވެކްސިން ޖެހުމަށް އަންނަންވީ ތާރީހުތައް އެކަން އަންގަމުން ގެންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ރާއްްޖެއިން ބޭރުގައި ދިވެހި ގިނަ ދަރިވަރުން ތައުލީމް ހާސިލުކުރަމުން އަންނާތީ މިވަގުތު ރާއްޖޭގައި ތިބި ދަރިވަރުން ފުރުމުގެ ކުރިން ވެކްސިން ފުރިހަމަ ކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވަނީ އިލްތިމާސްކުރައްވާފައެވެ.
ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ތިބި ދަރިވަރުން ފުރުމުގެ ކުރިން ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތްވެސް މިނިސްޓްރީނ އަންނަނީ ކުރަމުންނެވެ. މިގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒަށް ފަހު ފުރުމުގެ ކުރިން ދެވަނަ ޑޯޒް ޖެހޭވަރަށް މުއްދަތު އޮތް ދަރިވަރުން އެކަން އެންގުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.
ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. އަދި ދެވަނަ ޑޯޒް 8 ހަފްތާ ފަހުން ދިނުމަށް އެޗްއީއޯސީން ވަނީ ކަނޑައަޅާފައެވެ.
ކޯވިޑާއި ގުޅިގެން ބޭރުގައި ކިޔަވަން ތިބި ކުދިންގެ ތެރެއިންވެސް ބައެއް ދަރިވަރުންވަނީ އެނބުރި ރާއްޖެ އައިސްފައެވެ. ކިޔަވަން ތިބި ދަރިވަރުންގެ ތެރެއިން ކޯވިޑާއި ގުޅިގެން މާލީ ދަތިކަން ކުރިމަތިވި 222 ދަރިވަރަކަށް 3.3މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ. އަދި މި ދަނޑިވަޅުގައިވެސް ދަރިވަރުންގެ ކިޔެވުން ހުއްޓުނަ ނުދީ ކުރިޔަށް ގެންދިޔުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ގެންދަނީ ކުރަމުންނެވެ.