ޚަބަރު

ކޯވިޑް-19، ދިފާޢު: އަނެއްކާވެސް ރެކޯޑް ޢަދަދަކަށް ވެކްސިން ދީފި


ބިރާސްފަތި ދުވަހުގެ އިރު އޮއްސި 6:00އާ ހަމައަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގައި އަނެއްކާވެސް ރެކޯޑް އަދަދަކަށް ކޯވިޑް-19އިން ދިފާޢުވާ ވެކްސިން ޖަހައިފިއެވެ.

ރާއްޖޭގައި މިވެކްސިންގ ދޭން ފެށިފަހުން އެވްރެޖްކޮށް ދުވާލަކު ވެކްސިން ދެމުން އަންނަނީ 5000އާއި 6000އާ ދެމެދުގެ ޢަދަދަކަށެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ވޭތުވެދިޔަ 24ގަޑއިއިރުގެ ތެރޭގައި ރާއްޖެއިން މިވަނީ އެއް ދުވަހެއްގައި މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ވެކްސިން ޖަހާފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24ގަޑިއިއރު ރާއްޖެއިން 7،818 މީހުން މިވަނީ ވެކްސިން ޖަހާފައެވެ. މިއާއިއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ބަލިން ދިފަޢުވުމަށް ވެކްސިން ޖެހި މީހުންގެ އަދަދު މިވަނީ 64،048އަށް އަރާފައެވެ.
އަލަށް ވެކްސިން ޖެހި މީހުންގެ ތެރެއިން މާލެ ސަރަޙައްދުން ބުރާސްފަތިދުވަހު ވެކްސިން ޖެހީ 5،998 މީހުންނެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 1،820 މީހުންވަނީ ވެކްސިން ޖަހާފައެވެ.

މިހާތަނަށް މާލެ ސަރަޙައްދުން ޖުމުލަ 49،836 މީހުން މިވަނީ ވެކްސިން ޖަހަފައެވެ. އަދި އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޢަދަދުވަނީ 14،212އަށް އަރާފައެވެ.

ރާއްޖޭގައި މިހާރު މިވަނީ ރިސޯޓްތަކުގައިވެސް ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ވެކްސިން ދޭން ފަށާފައެވެ. އަދި ބަލިޙާލަތުގެ ސަބަބުން ދާންމަތިވެފައިވާ މީހުންނަށް، ގޭގެއަށް ގޮސްގެން ވެކްސިން ދިނުމުގެ މަސއްކަތްވެސް ވަނީ ފަށާފައެވެ. މާލޭގައި ގޭގޭގައި ދާންމަތިވެފައި ތިބި 23 މީހަކަށް، ވޭތުވެދިޔަ 24ގަޑިއިރުގެތެރޭގައި ދަމަނަވެށިން ވެކްސިން ދީފައިވެއެވެ. މާލޭގައި 9 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ޚިދުމަތްދަނީ ދެމުންނެވެ. އަދި އަތޮޅުތަކުގެ 69 ސެންޓަރެއްގައި ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިން ސިނުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ރާއްޖޭގައި މިވަގުތު ދެމުންދަނީ އޮކްސްފޯޑާ އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިންއެވެ. މީގެ 100000ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައިވަނީ އިންޑިއާއިންނެވެ. ސަރުކާރުންވަނީ މިހާރު ލިބިގައިވާ 100000ޑޯޒް، ވެކްސިންގެ ފުރަތަމަ ޑޯޒްނަގާ ފަރާތްތަކަށް ޚާއްސަކޮށްފައިވާކަމަށް ވިދާޅުވެފައެވެ.