ޚަބަރު

ފްލެޓު ނެތިގެން ހިޔާގެ 3 ކެޓަގަރީ އުވާލައި ފޯމްތައް ބާޠިލުކޮށްފި


ހިޔާ، ހައުސިން މަޝްރޫޢުގެ އެއް ކޮޓަރީގެ އެޕަރޓްމަންޓްތަކަށް ޚާއްސަކުރި 3 ކެގަރީއެއް މުޅިން އުވާލައިފިއެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ނެރުނު އިޢުލާނެއްގައި ވަނީ ހިޔާ މަޝްރޫޢުގައި 1 ކޮޓަރި ހިމެނޭ 3ކެޓަގަރީ އުވާލުމަށް ނިންމާފައިވަނީ މި ކެޓަގަރީތަކަށް ފްލެޓްދެވޭ ވަރަށް ފްލެޓް ނެތުމުންކަމަށެވެ.

އެކަށީގެންގާ މިންވަރަށް ފްލެޓް ނެތްކަމަށް ބުނެ އުވާލާފައިވާ 3 ކެޓަގަރީއަކީ

  • އެޗް:11 – 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ (1ކޮޓަރި)
  • އެޗް:13 – މާލެ މުނިސިޕަލްޓީގެ ދަފްތަރުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ (1ކޮޓަރި)
  • އެޗް:15 – އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަ (1ކޮޓަރި)

ކެޓަގަރީތައް އުވާލާފައިވާތީ، އެކެޓަގަރީތަކުން ހުށައަޅާފައިވާ ފޯމުތައް ބާޠިލުކުރުމަށް ނިންމާފައިވާކަމަށްވެސް ހައުސިންގ މިނިސްޓްރީއިންވަނީ ވިދާޅުވެފައެވެ.

އެމިނިސްޓްރީއިން ވިދާޅުވީ 2018ވަނަ އަހަރު 1 ކޮޓަރީގެ ކެޓަގަރީ އިޢުލާންކުރީ، ހުޅުމާލޭ ފޭސް 2ގައި ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން 1 ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރުން ގަންނަ ގޮތަށްކަމަށެވެ.

ސަރުކާރުން މިހާރުވަނީ މިގޮތަށް ލިބެންހުރި ފްލެޓްތަކާބެހޭ މަޢުލޫމާތު، ޓަވަރުތައް އަޅަމުންދާ ކުންފުނިތަކުން ހޯދާފައެވެ. މިނިސްޓްރީއިން ވިދާޅުވީ އެއްކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ސަރުކާރުން ގަތުމަށް ލިބެންހުރީ ހަމައެކަނި މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީއިން ސަރުކާރަށް އެލޮކޭޓްކޮށްފައިވާ 36ފްލެޓް އެކަނިކަމަށެވެ.

މިހާރު ކަނޑައަޅާފައިވާގޮތުން އެމްޑަބްލިއުއެސްސީއިން ލިބުނު 36ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހިޔާ މަޝްރޫޢުގެ އެޗް-14(ނުކުޅެދުންތެރިކަން ހުން ފަރާތްތަކާ އާއިލާތަކަށް ޚާއްސަ) (1ކޮޓަރ)ގެ ކެޓަގަރީން ފޯމް ހުށައަޅާފައިވާ ފަރާތްތަކަށްކަމަށް ހައުސިންގ މިނިސްޓްރީއިންވަނީ ވިދާޅުވެފައެވެ. އަދި ބާކީވާ ފްލެޓްތައް އެޗް-12 (މާލޭ ރަށްވެހިންނަށް ޚާއްސަ) (1ކޮޓަރި) ކެޓަގަރީއަށް ކަނޑައަޅާފައިވާކަމަށް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.