ޚަބަރު

ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާއިބެހޭ ޤަވާއިދަށް އަމަލުކުރަން ފަށައިފި


ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާއިބެހޭ ޤަވާއިދަށް އަމަލުކުރަން ފަށައިފިއެވެ. މި ޤަވާއިދު ގެޒެޓް ކުރުމާއި ގުޅިގެން ތިމާވެށީގެ ޤާނޫނުގެ ދަށުން ޙިމާޔަތްކޮށްފައިވާ ދިރޭތަކެއްޗާއިމެދު ދެން ޢަމަލުކުރާނީ މި ޤަވާއިދުގެ ދަށުންކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާއިބެހޭ ޤަވާއިދުގައި، ހިމާޔަތްކުރެވިފައިވާ ދިރޭ ތަކެއްޗާއި އެ ތަކެތީގެ ވެއްޓާއި، ގުޅުންހުރި ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް ބެލެހެއްޓުން ލާޒިމްކުރެއެވެ. އަދި މިފަދަ ތަކެތީގެ ދިރުމަށް މުހިންމު ސަރަހައްދުތައް ދެނެގަތުމާއި، ދިރުންތައް ހިމާޔަތްކުރުމުގެ ގޮތުން ކުރާ ހުރިހާ މަސައްކަތްތަކަކަށް ގައުމީ ފެންވަރުގައި ކުރެވެންހުރި ހުރިހާ ކަމެއް ކުރުން މިޤަވާއިދުގެ މަޤްސަދުގެ ތެރޭގައި ހިމެނެއެވެ.

މި ގަވާއިދަށް އަމަލުކުރަން ފެށުމާއިއެކު ދިވެހިރާއްޖެއަށް ހިޖުރަ ކުރާ ދޫނި ހިފައި، ގެންގުޅުމާއި ބެހޭ ގަވާއިދު އުވިގެންދާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. އެހެންކަމުން ދެން ރާޢްޖެއަށް ހިޖުރަކުރާ ދޫންޏާއިމެދު އަމަލުކުރާނީ މި ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިންނެވެ. އަދި މި ގަވާއިދު ތަންފީޒު ކުރާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ ގުޅިގެންނެވެ. ޤުދުރަތީ ގޮތުގައި އަދި ޠަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެތި ކަނޑައަޅާނީ އެންވަޔަރަންމަންޓް މިނިސްޓްރީންނެވެ.

ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީއީގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާއިބެހޭ ގަވާއިދަށް އަމަލުކުރަން ފެށުމާއިއެކު ހިމާޔަތްކޮށްފައިވާ ތަކެއްޗަށް މެނޭޖްމެންޓް ޕްލޭން ހެދުމާއި، ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ލިސްޓެއް އެކުލަވާލަން ކަމާބެހޭ ފަރާތްތަކަށް ލާޒިމްކުރެއެވެ. އަދި ހިމާޔަތްކުރާ ދިރޭތަކެތި ބަލަހައްޓާ ތަންތަން ރަޖިސްޓްރީ ކުރުމާއި އެތަކެތީގެ ދިރާސާކުރުމާއިބެހޭ އިޖުރާއަތްތައް ކަނޑައެޅުން ހިމެނެއެވެ. މީގެ އިތުރުން ހިމާޔަތްކޮށްފައިވާ ތަކެއްޗާއިމެދު ގަވާއިދާއި ޚިލާފަށް އަމަލުކުރާ ފަރާތްތަކާއިމެދު އަޅާނެ ފިޔަވަޅުތައްވެސް ތަފްސީލުކޮށް ބަޔާންކުރަންޖެހެއެވެ.

މި ގަވާއިދު ބުނާގޮތުން ހިމާޔަތްކޮށްފައިވާ ދިރުމެއް ހާއްސަ ހާލަތެއްގައި ބެލެހެއްޓުމަށާއި، ހާއްސަ ހާލަތްތަކެއްގައި ހިމާޔަތްކޮށްފައިވާ ދިރުމެއް ނުވަތަ އޭގެ ބައެއް ބޭނުންކުރުމަށާއި، ހޭލުންތެރި ކުރުވުމުގެ ގޮތުން ނުވަތަ ތައުލީމީ ބޭނުމަށްޓަކާ ޑިސްޕްލޭކުރާނަމަވެސް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީގެ ޚާއްސަ ހުއްދައެއް ނަގަންޖެހެއެވެ.

ގުދުރަތީގޮތުގައި ނުވަތަ ޠަބީއީގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކޮށްފައިވާ ދިރޭ އެއްޗަކަށް ގޯނާ ކޮށްފިނަމަ 30 ހާސް ރުފިޔާއާއި 50 ހާސް ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އަދި މިފަދަ ދިރުމެއްގެ ހާއްޔަށް، ނިދާ ތަނަށް، ބިސް އަޅާ ތަނަށް ނުވަތަ ވިހާތަން ފަދަ ތަނަކަށް ގެއްލުން ދީފިނަމަވެސް ހަމަ މި އަދަދުތަކުން ޖޫރިމަނާކުރުމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. މި ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާއި ޚިލާފްވާ ފަރާތްތައް 30 ހާހާއި އެއްލައްކަ ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށްވެސް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އަދި ހާއްސަ ހުއްދަ ހޯދަން ޖެހޭ ހާލަތްތަކުގައި ދޮގު މައުލޫމާތުދީގެން ގަވާއިދާއި ޚިލާފު ވެއްޖެނަމަ ހުއްދަ ބާތިލްކުރުމަށްފަހު 5 ހާސްރުފިޔާއާއި 75 ހާސް ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.