އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުން ޖަޕާންގެ ނައޯމީ އޮސާކާ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ފައިނަލުން ނައޯމީ ޖާގަހޯދީ ސެމީފައިނަލްގައި ސެރިނާ ވިލިއަމްސް އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.
ދެ ކުޅުންތެރިންގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް ނައޯމީ ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. އެއީ ހައެއް ތިނެއް އަދި ހައެއް ހަތަރަކުންނެވެ. މިމެޗްގައި ސެރީނާއަށް މިމުބާރާތުގައި އޭނާ ދައްކަމުންދިޔަ މޮޅު ކުޅުން ދެއްކޭ ގޮތެއް ނުވިއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ނައޯމީ ހާމަކުރިގޮތުގައި މެޗް ފެށިއިރު އޭނާ ހުރީ ވަރަށް ހާސްވެ އަދި ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ. ނަމަވެސް މާގިނައިރު ތަކެއް ނުވެ ހަމަޖެހުނު ކަމަށް އޭނާ ހާމަކުރިއެވެ. އަދި ސެރީނާ އާއި ދެކޮޅަށް ކުޅުމަކީ އަބަދުވެސް އޭނާއަށް ލިބޭ ޝަރަފެއް ކަމަށާއި ނަމަވެސް މުބާރާތުގެ މިހާހިސާބުން ބަލިވާން އެއްވެސް ގޮތަކަށް ބޭނުން ނުވި ކަމަށެވެ.
ފައިނަލްގައި ނައޯމީ ބައްދަލުކުރާނީ ޖެނިފަރ ބްރެޑީ އާއި މެރޮލީނާ މުކޯވާ ބައްދަލުކުރާ ސެމީފައިނަލް މެޗުން މޮޅުވާ ކުޅުންތެރިޔަކާއެވެ. މިމެޗުން ބަލިވުމުން 24 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށް މާގެރެޓް ކޯޓްގެ ރިކޯޑާއި ހަމަކުރުމަށް ސެރީނާއަށް މިވަނީ އިތުރަށް މަޑުކުރަންޖެހިފައެވެ.