ކުޅިވަރު

ބަރންލީ އާއި ފުލަމް ބައްދަލުކުރިމެޗް އެއްވަރުވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގްގައި ބަރންލީ އާއި ފުލަމް ބައްދަލުކުރިމެޗް އެއްވަރުވެގެން ނިމިއްޖެއެވެ. ބަރންލީގެ ދަނޑުގައި ކުޅުނު މިމެޗް އެއްވަރުވީ އެއްލަނޑު އެއްލަނޑުންނެވެ.

މިމެޗްގައި ދެޓީމްގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު ދެވަނަ ހާފްގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓްގައި ކާމިޔާބުކުރީ ފުލަމްގެ އޮލާ އައިނާއެވެ. ނަމަވެސް މިލަނޑު ޖެހިތާ ތިން މިނެޓްފަހުން ބަރންލީގެ އޭޝްލީ ބަރންސްވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ލިބި ވަނީ ބޭކާރުވެފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބަރންލީގެ ކޯޗް ޝޯން ޑައިސް ބުނީ މެޗްގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ހިތްވަރާއެކު ކުޅުނު ތަންކަމަށެވެ. އަދި ފުލަމްއިން ލަނޑެއް ޖެހުމާއެކު އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އަނިޔާގައި ގިނަ ކުޅުންތެރިންތަކެއް ނެތްނަމަ މިއަންވުރެ ރަނގަޅު ކުޅުމެއް ދެއްކޭނެކަމަށްވެސް ޑައިސް ހާމަކުރިއެވެ.

ފުލަމްގެ ކޯޗް ސްކޮޓް ޕަރކަރ ބުނީ ބަރންލީއަކީ ކުޅެން ފަސޭހަ ޓީމެއް ނޫން ކަމަށާއި ފުރަތަމަ ލަނޑެއް ޖަހާފައި އޮއްވާ ބައިކޮޅަށް ލަނޑެއް ވަނުމުން ހިތްހަމަ ނުޖެހޭ ކަމަށެވެ. ނަމަވެސް މިމެޗުން ލިބުނު ޕޮއިންޓަކީވެސް މުހިންމު ޕޮއިންޓެއް ކަމުގައި ޕަރކަރ ހާމަކުރިއެވެ.

މިމެޗް އެއްވަރުވުމުން ބަރންލީ ވަނީ އެޓީމް ކުޅުނު 24 މެޗުން ލިބިފައިވާ 27 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ފުލަމް އުޅެނީ ކުޅުނު 24 މެޗުން ލިބިފައިވާ 19 ޕޮއިންޓާއެކު ތާވަލް 18 ވަނައިގައެވެ.